މި ހިނގަމުންދާ ރަމަޟާން މަހުގެ ދުވާލުގެ ވަގުތުގައި އާންމު ތަންތަނުގައި ކައިބޮއި ހެދި ކަމުގެ ތުހުމަތުގައި ދެ ދިވެއްސަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. އިއްޔެ ހައްޔަރުކުރި މި ދެ މީހުންނަކީ ވެސް ދިވެހި ފިރިހެނުން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 25 އަހަރުގެ މީހަކާއި 41 އަހަރުގެ މީހެކެވެ. މީގެ ތެރެއިން 25 އަހަރުގެ މީހާ ހައްޔަރުކުރީ ދުވާލު ގަޑީގައި މަގުމަތީގައި ޗުއިންގަމް ކައިގެން ކަމަށް އޭނާގެ ބަންދު އަމުރުން އެނގެއެވެ. ކޯޓުން ވަނީ އޭނާގެ ބަންދަށް 7 ދުވަހުގެ މުއްދަތެއް ދީފައެވެ. އަދި އޭނާއަކީ މީގެ ކުރިން ވެސް ބަންދު ރެކޯޑް އޮންނަ މީހެއްކަން ފާހަގަކުރެވެއެވެ.
މި މައްސަލައިގައި ހިމެނޭ 41 އަހަރުގެ މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާގެ ބަންދަށް ވަނީ 5 ދުވަހުގެ މުއްދަތެއް ޖަހާފައެވެ. ފުލުހުން ހާމަކުރި ގޮތުގައި މި މީހާއަކީ ވެސް މީގެ ކުރިން ކުށުގެ ރެކޯޑް އޮންނަ މީހެކެވެ.
ރޯދަ މަހުގެ ހުރުމަތް ކެނޑުމުގެ ގޮތުން ދުވާލު ވަގުތު އާންމު ތަންތަނުގައި ކައިބޮއި ހެދުމަކީ ގާނޫނީ ގޮތުން މަނާ ކަމެކެވެ.



