ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީއެންސީއަށް ރައްޔިތުންގެ ތާއީދު ހޯދުމަށް ކުރިއަށްގެންދާ “ދޮރުން ދޮރަށް” ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ލީޑަރު ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންފިއެވެ. މި ހަރަކާތުގެ ތެރެއިން ރައީސް ވަނީ މާފަންނު ހުޅަނގު ދާއިރާގެ ބައެއް ގޭގެއަށް ޒިޔާރަތްކުރައްވައި، މަގުމަތިން ބައްދަލުވި ގިނަ އަދަދެއްގެ ރައްޔިތުންނާ ސަލާމްކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ.
މި ކެމްޕޭން ހަރަކާތުގައި ރައީސްގެ އަރިހުގައި ދައުލަތުގެ ވަޒީރުންނާއި، ޕީއެންސީގެ އިސް ބޭފުޅުންގެ އިތުރުން މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓް މޫސާ ޢަލީ ޖަލީލް ބައިވެރިވެވަޑައިގެންނެވިއެވެ. މީގެއިތުރުން މާލެ ސިޓީ ކައުންސިލަށާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުންނާއި، އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ މެންބަރުންވެސް މި ހަރަކާތުގައި ބައިވެރިވެވަޑައިގެންފައިވެއެވެ.
އިންތިޚާބުގެ ތައްޔާރީތަކާ ގުޅޭގޮތުން ޕީއެންސީން ބުނީ، ކެންޑިޑޭޓުންގެ ނަން ތަރުތީބުކުރުން މި މަހުގެ 12 ވަނަ ދުވަހު ބާއްވާފައިވާ ކަމަށެވެ. އަދި އިންތިޚާބަކާ ނުލައި މިހާތަނަށް ޕީއެންސީން 69 ގޮނޑި ކާމިޔާބުކޮށްފައިވާކަން އެ ޕާޓީން ފާހަގަކުރެއެވެ. ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެފައިވަނީ، މި އިންތިޚާބުގައި އެ ޕާޓީން 800 އާއި 900 އާ ދެމެދުގެ އަދަދަކަށް ގޮނޑި ކާމިޔާބުކުރާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.
ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހުއެވެ. ސަރުކާރު ހިންގާ މައި ޕާޓީން އަންނަނީ މާލެއާއި އަތޮޅުތެރޭގައި ކެމްޕޭންގެ ހަރަކާތްތައް ވަރަށް ފޯރިއާއެކު ކުރިއަށް ގެންދަމުންނެވެ.



