މާލޭގެ ބޮޑުތަކުރުފާނު މަގުން ސިނަމާލެ ބްރިޖު ކައިރީގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އުމުރުން 16 އަހަރުގެ ފިރިހެން ކުއްޖަކު ނިޔާވެއްޖެއެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ރޭ ދަންވަރު 1:30 ހާއިރު، ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ޕޭވްމަންޓަށް އެރުމުގެ ސަބަބުންނެވެ.
މި އެކްސިޑެންޓުގައި ނިޔާވި ކުއްޖާއަކީ ސައިކަލުގެ ފަހަތުގައި އިން ކުއްޖާ ކަމަށް ފުލުހުން ބުނެއެވެ. އެ ކުއްޖާ ނިޔާވީ އެކްސިޑެންޓާ ގުޅިގެން ލިބުނު އަނިޔާތަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ. ސައިކަލު ދުއްވަން އިނީ އުމުރުން 19 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި، އޭނާއަށް ވެސް އެކިވަރުގެ އަނިޔާ ލިބިގެން ހޮސްޕިޓަލުގައި ފަރުވާ ދީފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ފުލުހުންގެ ތަހުގީގުން އެނގިފައިވާ ގޮތުގައި، ސައިކަލު ދުއްވަން އިން 19 އަހަރުގެ މީހާއަކީ އެ ކެޓަގަރީގެ އުޅަނދު ދުއްވުމުގެ ލައިސަންސް އޮތް މީހެއް ނޫނެވެ. މި ހާދިސާ ހިނގާފައިވަނީ ބޮޑުތަކުރުފާނު މަގުން ބްރިޖުގެ ޓްރެފިކް ލައިޓު ކައިރިން ކަމަށް ވެސް ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ.
މި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން ފުލުހުން މީޑިއާއަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށެވެ. މި ހާދިސާގައި ދެން ހިމެނޭ މީހާގެ ހާލަތާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.



