ކައުންސިލުންތަކުން އިންތިޒާރުކުރަމުން އައި އެތައް ކަމެއް މިއަދު ހަގީގަތަކަށްވެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރާ ލާމަރުކަޒީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބު ގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިހާރު ޢަމަލުކުރެވެމުންދާ ޤާނޫނުއަސާސީއާއެކު، ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމުގެ ފުރުޞަތު އިތުރަށް ފަހިވެފައިވާ ކަމަށެވެ. އަދި ވޭތުވި ދެ އަހަރު ދުވަހު ލާމަރުމަޒީ ޚިދުމަތްތައް ފުޅާކުރުމަށް އިތުރު ބާރަކާއި ރައްޔިތުންގެ އިތުބާރު ހޯދައިދިނުމަށް ބޮޑެތި މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.
އެގޮތުން ކައުންސިލުތަކަށް އާމްދަނީ ލިބޭނެ މަގުތައް އިތުރަށް ފަހިކޮށްދެވިފައިވާ ކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
”އ.ތ.މ. ކޮމިޓީތަކަށް ޙައްޤު މަޤާމާއި ޙައިޘިއްޔަތު ހޯދައިދިނުމާއި، ކައުންސިލް މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދިނުން ފަދަ، ލާމަރުކަޒީ ޤާނޫނު ވުޖޫދުވީއްސުރެ ކައުންސިލުންތަކުން އިންތިޒާރުކުރަމުން އައި އެތައް ކަމެއް މިއަދު އެވަނީ ޙަޤީޤަތަކަށް ވެފައެވެ. ކައުންސިލްތަކަށް ވަސީލަތްތައް ފަހި، ޒަމާނީ އައު އިމާރާތްތައް ބިނާކޮށްދިނުމުގައި މި ސަރުކާރުން ވަނީ އިސްނަގައިފައެވެ” ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބު ގައި ވިދާޅުވިއެވެ.
މީގެ އިތުރުން ރަށްތަކުގެ ޞިއްޙީ އަދި ތަޢުލީމީ އިޖުތިމާޢީ ޚިދުމަތްތައްވެސް ފުޅާކޮށް، ކޮންމެ ރަށެއްގައި ފުލުހުންގެ ޚިދުމަތް، އޭ.ޓީ.އެމް.، ކޮންމެ އަތޮޅަކުން އައި.ޑީ ކާޑާއި ޕާސްޕޯޓު ހެދުން އެތައް ޒަމާނަކަށްފަހު ޙަޤީޤަތަކަށް ހައްދަވައިދީފައިވާ ކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
”ރަށްތަކުގައި ކުޅިވަރު ކުޅޭނެ ވަސީލަތްތަކާއި ޕާކުތައް ޤާއިމުކުރުމުގައި އެންމެ ބޮޑު ކާމިޔާބު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހޯދާނަމެވެ. ހުރިހާ ރަށަކަށް ފެނާއި ނަރުދަމާގެ އަސާސީ ޚިދުމަތް ފުރިހަމަކުރާނަމެވެ.’‘ އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މަގުހެދުން، ބަނދަރުހެދުން ފަދަ ޢުމްރާނީ އެންމެ ގިނަ މަޝްރޫޢު އެއްފަހަރާ މުޅި ރާއްޖޭގައި ހިނގަމުން ގޮސްފައިވަނީ ވޭތުވި ދެ އަހަރުގެ ތެރޭގައި ކަމަށެވެ.



