މާލެ ސިޓީގެ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް ކެނޑިޑޭޓު އަލައިކާގެ ކެމްޕެއިން ކުއިޒް “އަލައިކާ އެނގޭތަ؟” އިފްތިތާހުކޮށްފި
މާލެ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ގެ ރައީސާ ކަމަށް، ޕީއެންސީގެ ފަރާތުން ވާދަކުރާ އަލްއުސްތާޛާ އާޝިޔަތު އަލައިކާ އަދުނާންގެ ކެމްޕެއިން ކުއިޒް، “އަލައިކާ އެނގޭތަ؟” އިފްތިތާހުކޮށްފިއެވެ. މި ކުއިޒް އިފްތިތާހުކޮށްފައިވަނީ ހޯމަ ދުވަހުގެ ރޭ 22:30 ގައި މާފަންނު ބިސް ބުރު ސަރަޙައްދުގައި ބޭއްވި ހަރަކާތެއްގައެވެ.




މި ކުއިޒްއަކީ މާލެ ސިޓީގައި ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވޯޓުލާ ފަރާތްތަކަށް އަލައިކާ ތައާރަފްކޮށްދީ، މާލެ ސިޓީއަށް އަލައިކާ ދެކެން ބޭނުންވާ ތަސައްވަރު ވީހާވެސް ގިނަ އާއިލާތަކަށް ހާމަކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެކެވެ. މި ކުއިޒް ކުރިއަށްދާނީ 10 މާރޗް 2026 ފެށިގެން 29 މާރޗް 2026 އާ ހަމައަށެވެ.
“އަލައިކާ އެނގޭތަ؟” މި ކުއިޒްގައި ކޮންމެ ދުވަހަކު އަލައިކާއާ ގުޅޭ ސުވާލެއް ގެނެސްދޭނެއެވެ. އަދި އެ ސުވާލުގެ ޖަވާބު ކޮންމެ ދުވަހެއްގެ ރޭގަނޑު 00:00 އާ ހަމައަށް www.alaika.mv ވެބްސައިޓަށް ފޮނުވޭނެއެވެ. ކޮންމެ ދުވަހެއްގެ ސުވާލަށް ރަނގަޅު ޖަވާބު ފޮނުއްވާ ފަރާތްތަކުގެ މެދުގައި އާއްމުކޮން ހުޅުވާލައިގެން ގުރުއަތު ނަގައި، އެ ދުވަހުގެ އިނާމު ލިބޭ ފަރާތެއް، ޖެހިގެން އަންނަ ދުވަހު ވެބްސައިޓުގައި އިޢުލާން ކުރާނެއެވެ. އަދި ކުއިޒްގެ ސުވާލުތަކަށް ރަނގަޅު ޖަވާބު ފޮނުވާފައިވާ ހުރިހާ ފަރާތްތަކުގެ މެދުގައި ގުރުއަތު ނަގައި، މުޅި ކުއިޒުން އެއް ވަނަ އަށް އަންނަ ފަރާތަށް އުމުރާ ދަތުރެއް ދިނުމަށް ހަމަޖެހިފައިވެއެވެ.
މި ކުއިޒްގެ މީޑިއާ ޕާޓްނަރއަކީ އެމް.އެމް.ޓީ.ވީއެވެ. އަދި މި ކުއިޒްގެ އިނާމުތައް ސްޕޮންސަރ ކޮށްފައިވަނީ VAV Pvt Ltd ގެ ފަރާތުންނެވެ.



