ޕާޓީއަށް ގެއްލުން ވާނެ އެއްވެސް ކަމެއް ކުރައްވަން ބޭނުންފުޅު ނުވާކަމަށް ބުނެ މާފަންނު ހުޅަނގު ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވާ އިބްރާހިމް އަބޫބަކުރު، އެ ދާއިރާއަށް ކޮންގްރެސް ޕާޓީގެ ޓިކެޓްގައި ވާދަކުރައްވާ މުހައްމަދު އަރީޝްއަށް ތާއީދު ކުރައްވަން ނިންމަވައިފިއެވެ.
ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ކެމްޕޭނުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ) އިން މިއަދު ކުރިއަށްގެންދިޔަ މާފަންނު ހުޅަނގު ދާއިރާގެ ދޮރުން ދޮރަށް ހަރަކާތުގައި ރައީސުލްޖޫމްހޫރިއްޔާގެ އަރިހުގައި ހުންނަވާ އިބްރާހިމް ވިދާޅުވީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވަން ނިންމެވި ނިންމެވުން މިހާރު ބަދަލު ކުރައްވާފައިވާ ޕީއެންސީގެ ކެންޑިޑޭޓް އަރީޝް އަށް ތާއީދުކުރަން ނިންމަވާފައިވާ ކަމަށެވެ.
މާލޭ ސިޓީ ކައުންސިލަށް އިބްރާހިމް އިންތިހާބުވީ ޕީޕީއެމް ޓިކެޓުގަ އެވެ. އިބްރާހިމް އަބޫބަކުރު މިފަހަރު ކައުންސިލްގެ ގޮނޑިއަށް ވާދަކުރެއްވީ އަމިއްލަ ގޮތުންނެވެ.އިބްރާހީމް ވިދާޅުވީ އަމިއްލަގޮތުން ކުރިމަތިލީ ފޯމު ހުށަހެޅުމުގައި ދިމާވި “ކޮމިއުނިކޭޝަން އެރޯއެއްގެ” ސަބަބުން ކަމަށެވެ.
އިބްރާހިމް އަބޫބަކުރުގެ އެ ނިންމެވުން ހާމަކުރެއްވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އެއީ ޕާޓީއަށްޓަކައި ނިންމެވި މުހިންމު ނިންމެވުމެއްކަން ފާހަގަ ކުރައްވާ އެކަމަށް ޝުކުރު އަދާ ކުރައްވާފަ އެވެ. އަދި އިބްރާހިމަކީ އެމަނިކުފާނުގެ މޭޔަރުކަމުން ފެށިގެން ކައުންސިލްގައި މަސައްކަތްތައް ވަރަށް ރަނގަޅަށް ކުރެއްވި މެމްބަރެއް ކަމަށް ރައީސް ވިދާޅުވިއެވެ.



