ކ މާފުށީގައި ޖަލު ހިމެނޭ ސަރަހައްދުގައި ޑްރޯން އެރުވުމުގެ އިތުރަށް މޫދު ކުޅިވަތުތައްބޭއްވުން މާފުށީ ކައުންސިލުން މަނާކޮށްފިއެވެ. މާފުށީ ކައުންސިކުލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މާފުށީ ޖަލު ހިމެނޭ ސަރަހައްދު މަތިން ޕެރެސެއިލިން އާއި ޑްރޯން އަދި މާފުށީ ޖަލުގެ މޫދުގެ އައްސޭރި ފަށްކައިރިން ޖެޓްސްކީ ފަދަ ވޯޓަރ ސްޕޯޓްސްގެ އުޅަނދުތައް ދުއްވަމުންދާ ކަމުގެ ޝަކުވާ އެކި ފަހަރު މަތިން ކައުންސިލަށް ލިބިފައިވާ ކަމަށެވެ.
އަދި މާފުށީ ޖަލު ހިމެނޭ ސަރަހައްދަކީ، ވަކި ހާއްސަ ހުއްދައަކާއެކު ވަދެ ނިކުމެވޭ ސަރަހައްދަކަށްވާއިރު، ޖަލުގައި ތިބޭ ގައިދީންނާއި ބަންދު މީހުންގެ އިތުރުން ޖަލުގައި ހިނގަމުންދާ ހަރަކާތްތައް ފެންނަން ނުޖެހޭ ފަރާތްތަކަށް ފެނުމުގެ ފުރުސަތު އޮތުމާއި ޖަލު ހިމެނޭ ސަރަހައްދު ހުއްދަ ނެތި ފޮޓޯނަގާ ވީޑިއޯކޮށް ސޯޝަލް މީޑިއާގައި އާއްމު ކުރުމުގެ ފުރުސަތު ބޮޑުވުމުންނާއި، ޖަލަށްވެއްދުން މަނާ ތަކެއްޗާއި އެހެނިހެން ތަކެތި ޖަލު ސަރަހައްދަށް އުކުމުގެ ނުވަތަ ވައްޓާލުމުގެ ފުރުސަތު އޮތުމަކީ ޖަލުގެ ސަލާމަތާ ރައްކާތެރި ކަމަށް އަސަރު ކުރާނެ ކަމެއް ކަމުގައި ބުނެފައިވެއެވެ.
އެހެކަމުން މިއަދުން ފެށިގެން ޖަލު ސަރަހައްދުގައި ޕެރަސެއިލް ކުރުމާއި ވޯޓަރސްޕޯޓްގައި ބޭނުންކުރާ އެއްވެސް އުޅަނދެއް ކައިރިކޮށް ހެދުމަކީ މަނާ ކަމެއް ކަމަށް ބުނެފައިވެއެވެ.