އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ އިތުރުން ފެންނަ ނުފެންނަ ވޯޓަށް ތައްޔާރުވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރިއަށްގެންދަވާ “ދޮރުން ދޮރަށް” ހަރަކާތުގެ ދެވަނަ ބުރުގެ ތެރެއިން މިއަދު މައްޗަންގޮޅީ އުތުރު ދާއިރާގެ ގޭބީސީތަކަށް ޒިޔާރަތްކުރައްވައިފިއެވެ.
މި ހަރަކާތުގެ ތެރެއިން ރައީސް ވަނީ އެ ދާއިރާގެ ގިނަ ގޭބީސީތަކަކަށާއި، ކުރީގެ އަރަބިއްޔާ ހުރި ބިމުގައި އަޅާފައިވާ ފްލެޓްތަކަށް ޒިޔާރަތްކުރައްވައި ރައްޔިތުންގެ ހާލަތު ބައްލަވާލައްވާފައެވެ. އަދި މަގުމަތިންވެސް ގިނަ ބަޔަކާއި ބައްދަލު ކުރައްވާ އެފަރާތްތަކުގެ ހުރި ކަންބޮޑުވުންތަކާއި ޝަކުވާތައް އޮޅުންފިލުއްވާފައިވެއެވެ.
މިދިޔަ ފެބްރުވަރީ މަހުގެ 19 ވަނަ ދުވަހު ފެއްޓެވި މި ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ ހުރިހާ ދާއިރާތަކަށް ޒިޔާރަތްކުރައްވާފައެވެ.




