ގިރާވަރު ފަޅު ބިން ހިއްކުން އޭޕްރީލް މަހަށް ނިމޭނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
ރައީސް ވަނީ ގިރާވަރުފަޅު ބިން ހިއްކުން މިހާރު ގޮަސްފައިވާ ހިސާބުގެ އަދާ ހަމަ ދައްކުވައިދޭ ފޮޓޯއެއް ސޯޝަލްމީޑިއާގައި އާންމު ކުރައްވާފައެވެ. މިއާއެކު ރައީސް ވިދާޅުވީ ކޮންމެ ދުވަހަކުވެސް ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ. އަދި އިރާދަކުރެއްވިއްޔާ އޭޕްރީލް މަހު އެއްކޮށް ބިން ހިއްކުމުގެ މަސައްކަތް ނިމި، ސަރވޭ ކޮށް ނިންމާ ޖޫން މަހު ގޯތިތައް ހަވާލުކުރުމުގެ މަސައްކަތްވެސް ފެށިގެންދާނެ ކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.
ގިރާވަރުފަޅުން ހިއްކުމަށް ހަމަޖެހިފައިވަނީ 160 ހެކްޓަރުގެ ބިމެކެވެ. ސަރުކާރުން މީގެ ކުރިން ހާމަކޮށްފައިވާ ގޮތުގައި އެތަނުން 50 ނުވަތަ 54 ހެކްޓަރުގެ ބިން މީގެ ކުރިން ވަނީ ހިއްކާފައެވެ. މިއީ ބޮސްކާލިސް ނަމަކަށް ކުންފުންޏަކާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށްވާއިރު، ބިން ހިއްކުމަށް މިވަގުތު ދެ ޑްރެޖަރު ދަނީ ބޭނުން ކުރަމުންނެވެ. އެއީ އެއްފަހަރާ 35،500 ކިއުބިކް މީޓަރުގެ ސަރަހައްދެއް ހިއްކާލެވޭ ކުއީން އޮފް ނެދެލޭންޑްސްއާއި 22،000 ކިއުބިކް މީޓަރު ހިއްޓާލެވޭ އޮރެންޖް ނަމަކަށް ކިޔާ ޑްރެޖަރެކެވެ.
އެތަނުގެ އާ ލޭންޑް ޔޫސް ޕްލޭންގައިވާ ގޮތުގައި ގިރާވަރު ފަޅުން ޖުމްލަ ދިނުމަށް ނިންމާފައިވަނީ 4،072 ގޯއްޗެވެ. ގޯތި ލިބޭ މީހުންގެ ގުރުއަތުލުން ބާއްވައި، ގޯތި ލިބުނު ފަރާތްތަކުގެ ހާޒިރުގައި ޕްލޮޓްތައް ކަނޑައަޅައި، ގުރުއަތުން ހޮވޭ ޕްލޮޓް ނަންބަރު ވަނީ ހަވާލުކޮށްފައެވެ.



