- Advertisement -ad image

ރާއްޖޭގެ އިގްތިސާދު ދަނީ ހަލުވިކަމާއެކު ކުރިއަރަމުން: އަމީރު

ad image

ގުޅުންހުރި ލިޔުންތައް

ރާއްޖޭގެ އިޤްތިސާދު ދަނީ ހަލުވިކަމާއެކު ކުރިއަރަމުން ކަމަށާއި މި އަހަރު ނިމޭއިރު ކޮވިޑް-19ގެ ކުރީގެ އިޤްތިސާދުގެ ސައިޒަށް ރުޖޫޢަވެވޭނެ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ. ރާއްޖޭގެ އިގްތިސާދާ ގުޅޭގޮތުން ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރަމުންދާ ދަނޑިވަޅެއްގައި ކުރެއްވި ޓުވީޓްތަކެއްގައި މިނިސްޓަރ ވިދާޅުވީ، މިއީ ފިސްކަލް ހާލަތަށް ބަލައި ކޮވިޑް-19ގެ ސިއްޙީ އަދި އިޤްތިސާދީ ކްރައިސިސް މެނޭޖްކުރުމާއި، ރާއްޖޭގެ ރައްޔިތުންނާއި ވިޔަފާރީގެ ވިލުންވެރިކަމުގެ ނަތީޖާ ކަމަށެވެ.

ދުނިޔޭގެ އިޤްތިސާދަށް އަންނަ ނުތަނަވަސްވުންތަކާއި ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު މައްޗަށް ދިއުމުގެ އަސަރު ރާއްޖެއަށްވެސް ކުރާނެ ނަމަވެސް މިފަދަ ރިސްކުތަކުން އަރައިގަނެވޭނީ ރަނގަޅު ދަނޑިވަޅުގައި އެކަށީގެންވާ ފިޔަވަޅުތައް އަޅައިގެން ކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ. އަދި ސަރުކާރުން ދަނީ ހާލަތު މޮނިޓަރކޮށް ފިޔަވަޅު އަޅަމުން ކަމަށާއި ތަކެތީގެ އަގު މައްޗަށް ދިއުމުގެ ސަބަބުން، ޚާއްސަކޮށް ތެލުގެ އަގުގު ސަބަބުން، ކަރަންޓާއި ތެލުގެ ސަބްސިޑީވަނީ އިތުރުވެފައި ކަމަށްވެސް އަމީރު ޓުވީޓް ކުރައްވާފައިވެއެވެ. މީގެ އިތުރުން ރިޒާވް އިމްޕެކްޓް ކުޑަކުރުމަށްޓަކައި އައިޓީއެފްސީގެ ޓްރޭޑް ފައިނޭންސް ފެސިލިޓީގެ ލިމިޓްވަނީ $175މިލިއަނަށް އިތުރުކޮށްފައި ކަމަށްވެސް އަމީރު ވިދާޅުވެފައިވެއެވެ.

ފިނޭންސް މިނިސްޓަރ އަމީރު އިތުރަށް ވިދާޅުވީ، ދައުލަތުގެ އާމްދަނީ ރަނގަޅުވެފައިވީނަމަވެސް ދައުލަތުގެ ހަރަދުތަކަށް ވަނީ ވާންވެފައި ކަމަށާއި ސަރުކާރުގެ ވިސްނުންހުރީ ހިދުމަތްތަކަށް ބުރޫ ނާރާނެހެން ހަރަދުތައް އަލުން ބައްޓަންކޮށް ބަޖެޓް ފައިނޭންސް ކުރުމާއެކު މެދުރާސްތާގައި ރަނގަޅު ފިސްކަލް މިސްރާބެއްގައި ސާބިތުވުން ކަމަށެވެ.

އިތުރުވަމުން އަންނަ ޑޮލަރުގެ އާމްދަނީއާއެކު ރަސްމީ ރިޒާވް މި އަހަރު ނިމޭއިރު ޕްރީ-ކޮވިޑް ލެވެލްގައި ދެމެހެއްޓޭނެ ކަމަށް އަމީރު ވިދާޅުވެފައިވެއެވެ. އަދި ރާއްޖެއަށް ދަރަނި އަނބުރާ ދެއްކުމުގައި ކުރުމުއްދަތުގެ ގޮންޖެހުންތަކެއް ނެތް ކަން ފާހަގަކޮށް ދަރަނި ދެއްކުމުގެ ޤާބިލުކަން އެބަހުރި ކަމަށާއި މި އަހަރު ރިޒާވް ހުންނާނީ ރަނގަޅު މިންވަރެއްގައި ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

“ ކުރިއާ އަޅައިބަލާއިރު ރާއްޖޭގެ ގްރޮސް އަދި ނެޓް ރިޒާވް ވެސް ހުރީ މަތީ މިންވަރެއްގައި މި މިންގަނޑުތަކުގައި ދެމެހެއްޓުމަށް ބޭރު ފައިސާގެ އިންފްލޯ އަދި އައުޓްފްލޯ ދަނީ ގާތުން ބަލަމުން. ދިމާވާ ގޮން ޖެހުންތަކަށް ފިޔަވަޅު އަޅަމުން. މި އަހަރު ރިޒާވް ހުންނާނީ ދުޅަހެޔޮކޮށް”. މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

ރާއްޖޭގެ ރިޒާވް ހުސްވެ، ޑިފޯލްޓް ވެދާނެކަށް ދެކެވޭ ވާހަކަތަކަކީ ހަޤީޤަތާ ޚިލާފު ވާހަކަތަކެއް ކަމަށާއި މިފަދަ ވާހަކަތަކަކީ ރައްޔިތުން އަދި ބޭރުގެ އިންވެސްޓަރުންނަށް ހަގީގަތް އޮޅޭގޮތަށް ދެއްކުމުން ދުނިޔެ މިއޮތް ނާޒުކު ދަނޑިވަޅުގައި މުޅި ރާއްޖެއަށް އޭގެ ސަބަބުން ލިބެން ނުޖެހޭ ގެއްލުންތަކެއް ވެދާނެ ކަމެއް ކަމުގައިވެސް އަމީރު ވިދާޅުވެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ