ރައަިސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގެ ސިޔާސަތަކީ މަރުގެ ހުކުމް ތަންފީޒު ނުކުރުން ކަމަށް ދޭހަވާ ގޮތަށް ހޯމް މިނިސްޓަރ އިމުރާނު އަބްދުالله ވާހަކަފުޅު ދައްކަވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަހިބަދޫ ދާރާގެ މެންބަރު އަހުމަދު ތާރިގު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ތާރިގު ވިދާޅުވީ، މަރަށް މަރުހިފުމުގައި ސަރުކާރުގެ ސިޔާސަތަކީ ފާއިތުވި ފަންސާސް އަހަރު ދިވެހިރާއްޖޭގައި ގެންގުޅެފައިވާ ސިޔާސަތު ކަމަށާއި އެއީ މަރުގެ ހުކުމް ތަންފީޒު ނުކުރުން ކަމަށެވެ.
ކުރީގެ ސަރުކާރުތަކުން މަރުގެ ހުކުމް ތަންފީޒު ކުރާ ވާހަކަ ދައްކާފައިވަނީ ސިޔާސީ ބޭނުމަކަށް ކަމަށާއި ދިވެހިރާއްޖެއަކީ ސައްތައިންސައްތަ އިސްލާމީ ޤައުމަކަށްވާއިރު، އިސްލާމްދީނުގެ ކޮންމެ ހުކުމަކަށް އިސްތިސްނާއެއް ނެތި ބޯ ލެނބުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ލާޒިމުވެގެންވާ ކަމެއް ކަމުގައިވެސް އިމްރާން ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ ކޯޓުތަކުން ނިންމާ މަރުގެ ހުކުމްތައް ތަންފީޒުކުރުމާ ގުޅޭ ގޮތުން ފާއިތުވި ބައި ޤަރުނެއްހައި ދުވަހު ދިވެހި ސަރުކާރުތަކުން ގެންގުޅޭ ސިޔާސަތަކީ މަރުގެ ހުކުމް ތަންފީޒުކުރުން ހުއްޓައިލުން ކަމަށާއި، މަރުގެ ހުކުމާ ގުޅޭ ގޮތުން އެކި ސަރުކާރުތަކުން ތަފާތު ވާހަކަތައް ދެއްކި ނަމަވެސް އެއްވެސް ސަރުކާރެއްގައި އެ ސިޔާސަތަށް ބަދަލެއް ގެނެސްފައިނުވާކަމަށް އިމްރާން ވިދާޅުވިއެވެ. އަދި ރައީސް ޔާމީނުގެ ވެރިކަމުގައި މަރުގެ ހުކުމް ތަންފީޒުނުކުރީ އެހެންވެކަމަށް ދެކެވަޑައިގަންނަވާ ކަމަށްވެސް އިމްރާން ވިދާޅުވިއެވެ.