މައިންބަފައިންނަށް ކަމޭހިތުމަކީ މުޞީބާތްތަކުން ސަލާމަތްވެވޭ، ބަރަކާތް ޙާޞިލުކޮށްދޭ އަދި ދުޢާ އިޖާބަކުރެއްވުމުގެ ސަބަބެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ހުތުބާގެ މައުޟޫއަކީ “މައިންބަފައިންނަށް ކަމޭހިތުން” މިއެވެ. ހުތުބާގައި ބުނީ އެ ދެ މީހުންގެ ޙައްޤު ނުހަނު މަތިވެރި ކަމަށާއި ދަރީންގެ ބާއްޖަވެރިކަމަށް ޓަކައި، އެ ދެ މީހުންވާ ޤުރުބާނީގެ އަގު ވަރަށް ބޮޑު ކަމަށެވެ.
އަދި އެއީ އިންސާނާ ދުނިޔެއަށް އައުމުގެ ސަބަބެއްކަމުގައި މެދުވެރިވި ފަރާތް ކަމަށާއި އިޙުސާންތެރިކަމާއި މާތްކަމުގައި މައިންބަފައިންނާ އަޅައިކިޔޭ ވަރުގެ ބަޔަކު ނުވާ ކަމަށެވެ. އެ ދެ މީހުންގެ ހެޔޮކަމަށް ބަދަލެއް ނުދެވޭނެ ކަމަށާއި މައިންބަފައިން ދަރީންނަށް ހެޔޮ އެދޭލެއް ބޮޑުކަމުން، އެބައިމީހުންނަށް ނުލިބޭ ނިޢުމަތްތައް ވެސް ދަރީންނަށް ލިބުމަށް އެދޭ ކަމަށްވެސް ހުތުބާގައި ބުނެފައިވެއެވެ.
“ދަރީން ހެޔޮ ގޮތުގައި ބޮޑުކުރުމަށް ޖާނާއި މާލުން ގުރުބާންވެއެވެ. މި ފަދަ ބޮޑެތި ޤުރުބާނީތަކެއްވާ ބަޔަކަށް ހެޔޮކޮށް ހިތުމަކީ، ދުންޔަވީ ނަޒަރަކުން ވިސްނައިލިކަމުގައި ވިޔަސް ކޮންމެހެން ލާޒިމުކަމެއްކަމަށް އިންސާނީ ބުއްދި ޤަބޫލުކުރޭ”. ހުތުބާގައި ބުނެފައިވެއެވެ.
ީކީރިތި ޤުރްއާނުގެ ހަތް ތަނެއްގައި ﷲ تَعَالَى މައިންބަފައިންގެ ވާހަކަ ބަޔާންކުރައްވައިފައިވެއެވެ. އޭގެ ތެރެއިން ހަތަރު ތަނެއްގައި ހަމައެކަނި އެކަލާނގެއަށް އަޅުކަން ކުރުމަށާއި، އެކަލާނގެއަށް ޝަރީކުނުކުރުމަށް އެންގެވުމާ ވިދިގެން މައިންބަފައިންނަށް ކިޔަންމަންތެރިކަން އަދާކުރުމުގެ ވާހަކަ ބަޔާންވެގެންވެއެވެ. މައިންބަފައިންނަށް ކަމޭހިތުމީ ނަބީބޭކަލުންނާއި ޞާލިހުންގެ ޚުލުޤުފުޅެވެ. އެއީ މުޞީބާތްތަކުން ސަލާމަތްވެވޭ، ބަރަކާތް ޙާޞިލުކޮށްދޭ އަދި ދުޢާ އިޖާބަކުރެއްވުމުގެ ސަބަބެއް ވެސް މެއެވެ. އެ ކަމުގެ ސަބަބުން ހިތަށް ހަމަޖެހުންލިބި، ދިރިއުޅުން ރަނގަޅުވެއެވެ.



