އިންޑިއާގެ ވެރިކަން ކުރާ ޕާޓީ (ބީޖޭޕީ)ގެ އިސް ވެރިންތަކެއް ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލަ ކުށްވެރިކުރަން އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ހުށަހެޅި މައްސަލަ ކުރިއަށް ނުގެންގޮސް މަޖިލީހުން ބޭރުކޮށްލައިފިއެވެ.
މިމައްސަލަ ކުއްލި މައްސަލައެއްގެ ގޮތުގައި މަޖިލީހަށް ހުށަހެޅީ، ޕީއެންސީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރުއެވެ. މި މައްސަލައަކީ ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލައިގައި ދިވެހި ސަރުކާރުން އެއްވެސް ފިޔަވަޅެއް ނާޅާތީ އާއި ރަސޫލާއަށް ފުރައްސާރަ ކުރި ކުރުން ކުށްވެރިކޮށް، އެކަން ދިވެހި ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ހުށަހެޅި މައްސަލައެކެވެ.
މި ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަތުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ 10 މެމްބަރުންނެވެ. އަދި ނުފެންނަ ކަމަށް 33 މެމްބަރުން ވޯޓު ދެއްވާފައިވެއެވެ.
އާދަމް ޝަރީފު މަޖިލީހަށް ހުށަހެޅުއްވި މައްސަލާގައި ވަނީ އިންޑިއާގެ ވެރިކަންކުރާ ޕާޓީ، ބީޖޭޕީގެ ތަރުޖަމާނަކު ރަސޫލާއާ ގުރުއާނަށް ފުރައްސާރަ ކުރުމުން އެކަމުގައި އެހެން ގައުމުތަކުން ނުރުހުން ފާޅުކޮށް އިހުތިޖާޖުކުރަމުން އަންނައިރު، ދިވެހި ސަރުކާރުން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާތީ އެކަން ކުށްވެރިކޮށް އެކަން ސަރުކާރުގެ ސަމާލުކަމަށް ގެންނަ ކަމަށެވެ.
ބީޖޭޕީގެ އިސްވެރިންތަކެއް ރަސޫލާ އަށް ފުރައްސާރަ ކުރި މައްސަލަ ގަތަރުންވެސް ވަނީ ކުށްވެރިކޮށްފައެވެ.