ހޮނިހިރު ދުވަހު އޮންނަ އިންތިޚާބުގައި ސަރުކާރާއި އެއްކޮޅަށް ވޯޓު ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހިރައްޔިތުންގެ ކިބައިން އެދިވަޑައިގަންނަވައިފިއެވެ
ރައީސް މިފަދައިން އެދިވަޑައިގެންނެވީ ރޭ ކުރިއަށްދިޔަ ޕީއެންސީ ހަރުގެ ޖަލްސާގައި ހޮނިހިރު ދުވަހު އޮންނަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް އަލިއަޅުއްވާލާ ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން މީގެ ކުރިން ކައުންސިލް އިންތިޚާބުގައި ވޯޓުލާއިރު 2 ކަރުދާސްކޮޅު ލިބުނު ނަމަވެސް މިފަހަރުގެ އިންތިޚާބުގައި ތަފާތަކީ ވޯޓުލާ މަރުކަޒުން ކޮންމެ ބޭފުޅަކަށްވެސް 3 ކަރުދާސްކޮޅު ލިބިގެންދާދިއުންކަން ފާހަގަކުރައްވާ ރައީސް ވަނީ މި 3 ކަރުދާސް ކޮޅުގައިވެސް އެމަނިފާނު ބޭނުންފުޅުވާ ގޮތަށް ފާހަގަޖެހުމަށް އެދިވަޑައިގެންފައެވެ. އަދި އެއީ ޤައުމުގެ ތަރައްޤީއާއި ގުޅިފައިވާ މުހިންމު 3 ވޯޓު ކަމުގައި ރައީސް ވިދާޅުވިއެވެ.

މިފަހަރުގެ އިންތިޚާބުގައި އެއް ވޯޓު ކަރުދާހުގައި ވަނީ މޭޔަރުންނާއި ކައުންސިލަރުން، ދެވަނަ ވޯޓު ކަރުދާހުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ މެންބަރުން، އަދި 3 ވަނަ ކަރުދާސް ކޮޅުގައި އޮންނާނީ ރިޔާސީ އިންތިޚާބާއި، ރައްޔިތުންގެ މަޖްލިސް އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަށް ރައްޔިތުންގެ ނިންމުން ދެނެގަތުމުގެ ގޮތުން ބޭއްވޭ ފެންނަ ނުފެންނަ ނުވަތަ ރިފެރެންޑަމް ވޯޓު ކަރުދާސްކޮޅެވެ. މި ކަރުދާސްކޮޅުގައި ވަނީ 2 އިންތިޚާބު އެކުއެކީ އެއްދުވަހެއްގައި ބާއްވަން ފެނޭތޯއެވެ. ފާހަގަ ޖަހަން އޮންނަ 2 ގޮޅީގައި ވަނީ އާނއެކޭ އަދި ނޫނެކޭ އެވެ. ރައީސް މުޢިއްޒު އެދިވަޑައިގެންނެވީ އާނއެކޭގައި ހުރިހާ ރައްޔިތުންވެސް ފާހަގަ ޖެއްސެވުމަށެވެ. އަދި އެއާއިއެކު އެކީގައި ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީގެ ކެންޑިޑޭޓުންނަށް ދެންހުރި ވޯޓު ކަރުދާސް ތަކުގައި ހެޔޮފާހަގަ ޖެއްސެވުމަށްވެސް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.
ރައީށް ވިދާޅުވީ 3 ކަރުދާސްކޮޅު ހިއްޕަވައިގެން ވަޑައިން 3 ފޮއްޓަށް ވޯޓު ލައްވާއިރު އެމަނިކުފާނު އެދިވަޑައިންނަވާގޮތަށް ގިނަ ރައްޔިތުންގެ ވޯޓު ލިބިވަޑައިގަންނަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
ދިވެހިރާއްޖޭގައި އޮންނަނީ 3 ބާރު ވަކިވެފައި އޮންނަ ނިޒާމެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، ކައުންސިލް ތަކަކީ ވެރިކަންކުރާ ބާރުގެ ފަށަލައެއްކަމަށާއި، އެއީ ސަރުކާރު ޖަވާބުދާރީ ކުރުވަން ހޮވާބައެއް ނޫންކަމަށެވެ. އެހެންކަމުން ރާއްޖޭގެ ތަރައްޤީއަށް ސަރުކާރުން ފަށާފައިވާ މަޝްރޫޢުތައް ކުރިއަށް ގެންދިއުމުގައި އެހީތެރިވާން ހޮވަންޖެހޭނީ ސަރުކާރުގެ ކެންޑިޑޭޓުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެހެންނޫންނަމަ ސަރުކާރުން ކައުންސިލްތަކުގެ އެހީގައި ރަށްރަށުގެ ތަރައްޤީއަށްކުރަންފަށާ އެއްވެސް ކަމެއް ކުރިޔަ ނުދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. ސަބަބެއްގެ ގޮތުގައި ރައީސް ވަނީ ސިޔާސީ ނަޒަރަކުން މިކަން ތިލަ ކޮށްދެއްވާފައެވެ.
އެގޮތުން ރައީސް ވިދާޅުވީ އިދިކޮޅު ކައުންސިލަކުން ސަރުކާރުން ކުރާކަންކަން ހުއްޓުވާނެ މައިގަނޑު ސަބަބަކީ 2 އަހަރުފަހުން އޮންނަ ރިޔާސީ އިންތިޚާބުގައި ސަރުކާރަށް ނާކާމިޔާބުކޮށް، އިދިކޮޅު ކެންޑިޑޭޓަށް ވާގިވެރިވުމަށް ކަމަށެވެ. އެއީ ކައުންސިލްތަކުން ސަރުކާރަށް ޖެއްސުންކުރުމުން ރަށްރަށަށް ކަމެއްނުކޮށްދެވުނު ކަން ދެއްކުމަށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ އަމިއްލަ އެދުމަށް ވުރެ، އަމިއްލަ ރަށާއި، ޤައުމުއިސްކުރެއްވުމަށް އިލްތިމާސް ކުރައްވާފައެވެ.



