ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް އިދިކޮޅު އެމްޑީޕީން ދެކޮޅު ހަދަނީ ދައުލަތުގެ ބާރުތައް މަސްހުނިކޮށް، އެ ބާރުތައް އެގޮތުގައި އަބަދުވެސް ބާއްވަން ބޭނުންވާތީ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރޭ ޕީއެންސީ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދެ އިންތިހާބު އެކުގައި ބޭއްވުމުން ސުޕަ މެޖޯރިޓީގެ ނިޒާމު ނެތިގޮސް، ސަރުކާރު ޖަވާބުދާރީކުރުވުމަށް މަގުފަހިވާނެ ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި، އެއް ދުވަހެއްގައި ދެ އިންތިހާބު ބޭއްވުމުން ވެރިކަމަށް ހޮވޭނީ ކާކުކަން ނޭނގޭ ހާލަތުގައި ރައްޔިތުން މަޖިލީހަށް މެންބަރުން ހޮވާއިރު، އެކި ޕާޓީތަކުގެ މެންބަރުން ހިމެނޭ ގޮތަށް މަޖިލިސް އެކުލެވިގެން ދާނެއެވެ.
“އޭރުން ތިމަންނައަކީ ސަރުކާރު ކެންޑިޑޭޓެކޭ ނުބުނެވޭނެ. އެކި ޕާޓީތަކުން މިކްސްއެއް އަންނާނީ، އީވެންލީ ޑިސްޓްރިބިއުޓެޑް ނޫނިއްޔާ ފެއާލީ ޑިސްޓްރިބިއުޓެޑް ނަމްބަރު އޮފް އެމްޕީސް ލިބޭ ގޮތަށް އެކި ޕާޓީގެ މަޖިލީހެއް އޮންނާނީ،” ރައީސް ވިދާޅުވިއެވެ.
ދައުލަތުގެ އެއް ބާރު އަނެއް ބާރުގެ ތެރެއަށް ވަދެ، ހުރިހާ ބާރުތަކެއް މަސްހުނިވެފައި އޮންނަ ސިޔާސީ އާދަކާދަ ނައްތާލަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި މި ބަދަލާ ދެކޮޅު ހަދަނީ މީގެކުރިން ބާރުތައް މަސްހުނިކޮށްގެން އެ ނިޒާމު ދަމަހައްޓަން ބޭނުންވާ ފަރާތްތަކެވެ. އަދި ހަގީގީ ޑިމޮކްރަސީ ގާއިމުކޮށް ކޮރަޕްޝަން ނައްތާލުމަށްޓަކައި އިންތިހާބުތައް އެއްކޮށް ބޭއްވުމަކީ މުހިންމު ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.
އިދިކޮޅު ފަރާތްތަކުން ކައުންސިލް އިންތިހާބު ދޫކޮށްލައި، ހަމައެކަނި ފެންނަ ނުފެންނަ ވޯޓަށް ފޯކަސް ކުރަނީ ރާއްޖެއަށް އަންނަ މިފަދަ އިސްލާހީ ބަދަލުތަކަށް ހުރަސް އެޅުމަށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެހެންކަމުން، ގައުމުގެ މުސްތަގްބަލަށްޓަކައި ރައްޔިތުންނަށް ލިބިފައިވާ ވޯޓުލުމުގެ ހައްގު ހެޔޮ ގޮތުގައި ބޭނުންކޮށް، ގައުމު އިސްކުރުމަށް ރައީސް ވަނީ ރައްޔިތުންނަށް ގޮވާލައްވާފައެވެ.



