ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ރާއްޖެއަށް ގެންނަ ބިދޭސީންގެ އަދަދު 20 އަށް ވުރެ މަދު ނަމަ، ކޯޓާ ފީ ދައްކަން ނުޖެހޭ ގޮތަށް ސަރުކާރުން ހަމަޖައްސައިފިއެވެ. މި ބަދަލު ގެނެސްފައިވަނީ “ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވާއިދަށް” ސަރުކާރުން ގެނައި އާ އިސްލާހެއްގެ ދަށުންނެވެ.
މީގެ ކުރިން އޮންނަ ގޮތުން ބިދޭސީން ގެންނަ ކޮންމެ ވިޔަފާރިއަކުން ވެސް 12 މަސް ދުވަހުގެ ތެރޭގައި ހޯމްލޭންޑް މިނިސްޓްރީއަށް 2,000 ރުފިޔާގެ ކޯޓާ ފީއެއް ދައްކަން ޖެހެއެވެ. ނަމަވެސް، އަލަށް ގެނައި އިސްލާހާއެކު ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން އެދިފައިވާ ބިދޭސީންގެ އަދަދު 20 އަށް ވުރެ މަދު ނަމަ، މި ފީ ދެއްކުމުން އިސްތިސްނާ ވާނެއެވެ.
ކޯޓާ ފީން އިސްތިސްނާ ދިނުމުގައި ބައެއް އުސޫލުތައް ވަނީ ކަނޑައަޅާފައެވެ. އެގޮތުން، އިސްތިސްނާ ލިބޭ ކުންފުންޏެއްގެ ހިއްސާދާރަކު ނުވަތަ މަސްއޫލުވެރިޔަކު ހިމެނިގެން އުފައްދާފައިވާ އެހެން ކުދި އަދި މެދު ފަންތީގެ ވިޔަފާރިއަކަށް މި ލުޔެއް ނުލިބޭނެއެވެ. މިއީ އެއް މަސްއޫލުވެރިއެއްގެ ދަށުން ގިނަ ކުންފުނިތަކެއް ހަދައިގެން މި ލުއި ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓުވުމަށް އެކުލަވާލާފައިވާ އުސޫލެކެވެ.
މީގެ އިތުރުން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިއަކުން ގެންގުޅޭ ބިދޭސީންގެ އަދަދު 20 އަށް ވުރެ އިތުރުވާ ހާލަތްތަކުގައި، 21 ވަނަ ބިދޭސީ މުވައްޒަފުން ފެށިގެން އިތުރުވާ ކޮންމެ ކޯޓާއަކަށް ގަވާއިދުން ކޯޓާ ފީ ދައްކަން ޖެހޭނެ ކަމަށް ވެސް މި އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.
ސަރުކާރުން މި ބަދަލު ގެނެސްފައިވަނީ ރާއްޖޭގެ އިގްތިސާދުގެ މައިބަދަ ކަމަށްވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކުރިމަތިވާ މާލީ ބުރަ ކުޑަކޮށް، އެ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގުސަދުގައެވެ.



