ސިޓީތަކުގެ މޭޔަރުންނާއި، ކައުންސިލަށް މެމްބަރުން އިންތިޚާބު ކުރުމާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް މެންބަރުން އިންތިހާބު ކުރުމުގެ އިތުރުން ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމާއިމެދު ފެންނަ ގޮތެއް ނިންމުމަށް ނަގާ ވޯޓުލުން ފަށައިފިއެވެ.
ތިން އިންތިޚާބުގެ ވޯޓުލުން މިއަދު ހެނދުނު 8 އިން ފެށިގެން ހަވީރު 4 ޖެހުމާއި ހަމައަށް ކުރިއަށް ދާނެއެވެ. ވޯޓުލަށް އިލެކްޝަންސް ކޮމިޝަނުން 588 ވޯޓުލާ މަރުކަޒު މުޅި ރާއްޖޭގައި ވަނީ ގާއިމްކޮށްފައެވެ. އިންތިޚާބުގައި ވޯޓުލުމަށް ކޮންމެ މީހަކަށްވެސް ތިން ކަރުދާސްކޮޅު ދޭނެއެވެ. ކޮންމެ ކަރުދާހެއްވެސް ލާންޖެހޭނީ އެއިންތިޚާބަކަށް ޚާއްސަކޮށްފައިވާ ފޮއްޓަށެވެ. އިލެކްޝަންސް ކޮމިޝަނުން ކޮންމެ މަރުކަޒެއްގައިވެސް ވޯޓުލުމަށް ފަސޭހަ އިންތިޒާމުތަކެއް ވަނީ ހަމަޖައްސާފައެވެ.
މި އިންތިހާބުތަކުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ 294،876 މީހުންގެ ތެރެއިން 144،506 މީހުންނަކީ އަންހެނުންނެވެ. އަދި 150،370 އަކީ ފިރިހެނުންނެވެ.
ވޯޓުލުމަށް އީފާސް ބޭނުމެއް ނުކުރެވޭނެއެވެ. ބޭނުންކުރެވޭނީ އައިޑީކާޑް، ޕާސްޕޯޓް، ޕާސްޕޯޓްކާޑް އަދި ލައިސަންސް ކާޑެވެ.



