ވޯޓުލުމަކީ ކޮންމެ ދިވެހި ރައްޔިތެއްގެ ގައުމީ ވާޖިބެއް ކަމަށާއި، އެ ހައްގު އަދާކުރުމަށް ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު އިލްތިމާސް ކުރައްވައިފިއެވެ. މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބާ ގުޅޭގޮތުން ނޫސްވެރިންނާ ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ، މިއީ ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު އެއް އިންތިހާބު ކަމަށެވެ.
ފަލާހު ވިދާޅުވީ ވޯޓުލުމަކީ ގާނޫނީ ގޮތުން ރައްޔިތުންގެ ބޮލުގައި އެޅިފައިވާ ވަރަށް ބޮޑު ޒިންމާއެއް ކަމަށެވެ. އަދި އޭނާ ވަނީ ހުރިހާ ރައްޔިތުން ވެސް ވޯޓުލާން ނިކުމެ ގައުމީ ވާޖިބު އަދާކުރުމަށް ބާރުއަޅުއްވާފައެވެ.
“ވީހާ ވެސް ގިނަ ރައްޔިތުން ނިކުމެ މި ވޯޓުގައި ބައިވެރިވެ ވޯޓުލައިދެއްވުމަކީ ހަގީގަތުގައި ގައުމީ ވަރަށް ބޮޑު ވާޖިބެއް ކަމަށް އަޅުގަނޑު ދެކެނީ،” ފަލާހު ވިދާޅުވިއެވެ.
މި އިންތިހާބުތަކުގައި ޖުމުލަ 2,961 ކެންޑިޑޭޓުން ވާދަކުރާއިރު، އެންމެ ގިނަ ކެންޑިޑޭޓުން ނެރެފައިވަނީ ވެރިކަންކުރާ ޕީއެންސީންނެވެ. އެ ޕާޓީގެ ފަރާތުން 1,322 ކެންޑިޑޭޓުން ވާދަކުރާއިރު، އިދިކޮޅު އެމްޑީޕީން 905 ކެންޑިޑޭޓުން ވާދަކުރެއެވެ. މީގެ އިތުރުން އެހެނިހެން ސިޔާސީ ޕާޓީތަކާއި އަމިއްލަ ގޮތުން ވާދަކުރާ ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވެސް މި އިންތިހާބުގައި ބައިވެރިވެއެވެ.



