ސަރުކާރުން ރަނގަޅުކުރަންޖެހޭ ކަންކަން، ރައްޔިތުންގެ ވިންދާ އެއްގޮތަށް ރަނގަޅުކުރެއްވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު ރާއްޖޭގައި ކުރިއަށްދިޔަ އިންތިޚާބުތަކާއި ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރުން ރަނގަޅުކުރަންޖެހޭ ކަންކަން، ރައްޔިތުންގެ ވިންދާ އެއްގޮތަށް ރަނގަޅުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މާތްالله ގެ ވާގިފުޅާއެކު ކުރިއަށްގެންދާނެ ކަމުގެ ޔަޤީންކަން ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް އަރުވާކަމަށެވެ.
3 އިންތިޚާބެއްގެ ވޯޓުލުން ރާއްޖޭގައި ކުރިއަށްދިޔައިރު އޭގެތެރޭގައި ހިމެނެނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ އިތުރުން ޤާނޫނުއަސާސީއަށް ގެންނަން ފާސްކޮށްފައިވާ އިސްލާހަކާމެދު ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިއަދު ބޭއްވުނު ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގެ ނަތީޖާ އިޙްތިރާމާއެކު ބަލައިގަންނަަކަމަށެވެ. އަދި މިއިންތިހާބު ކާމިޔާބު ކުރެެއްވި ހުރިހާ ފަރާތްތަކަށް ތަހްނިޔާ ދަންނަވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެެވެ.



