ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލުތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ގިނަ ގޮނޑިތަކެއް ވެރިކަންކުރާ ޕީއެންސީއިން ކާމިޔާބުކޮށްފިއެވެ. އަދި ގިނަ ރަށެއްގެ ކައުންސިލުތަކުުގެ ރައީސްކަން ހޯދީވެސް ޕީއެންސީއިންނެވެ.
މިހާތަނަށް އާއްމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު، މިހާތަނަށް ގުނުނު ވޯޓުގެ ނަތީޖާއިން ފެންނަ ގޮތުގައި ޕީއެންސީއަށް ކައުންސިލުތަކުގެ 252 ގޮނޑި ކާމިޔާބުކުރެވިފައިވެއެވެ. އިދިކޮޅު އެމްޑީޕީއަށް ކާމިޔާބުކުރެވުނީ 221 ގޮނޑިއެވެ. އަދި މިނިވަން ކެންޑިޑޭޓުންނަށް 74 ގޮނޑި ކާމިޔާބުވެފައިވެއެވެ.
އޭގެ އިތުރަށް އަންހެނުންގެ ތަރައްގީއަށް މަސައްކަތްްކުރާ ކޮމިޓީތަކަށް ބަލާއިރު ޕީއެންސީއަށް 167 ގޮނޑި ކާމިޔާބުކުރެވުނެވެ. އެމްޑީޕީއަށް މުޅި ރާއްޖެއިން ކާމިޔާބުކުރެވުނީ 145 ގޮނޑިއެވެ. އަމިއްލަ ގޮތުން ވާދަކުރި 49 ކެންޑިޑޭޓަކަށް ޑަބްލިއުޑީސީގެ ގޮނޑި ކާމިޔާބުކުރިއެވެ.
އިންތިހާބުގެ ނަތީޖާތަކަަށް ބަލާއިރު މިހާތަނަށް ގުނި ފޮށިތަކުގެ ނަތީޖާއިން ފެންނަ ގޮތުގައި ގިނަ ރަށްރަށުގެ ކައުންސިލު ރައީސްކަން ކާމިޔާބުކުރީވެސް ޕީއެންސީގެ ޓިކެޓުގައި ވާދަކުރެއްވި ކެންޑިޑޭޓުންނެވެ.
އިންތިހާބުގައި ސިޓީތަކުގެ މޭޔަރުކަން ޕީއެންސީއަށް ގެއްލުނު ނަމަވެސް ގިނަ ރަށްރަށުން ޕީއެންސީންވަނީ ކައުންސިލުތަކުގެ އަޣުލަބިއްޔަތު ކާމިޔާބުކޮށްފައެވެ.



