ލޯކަލް ކައުންސިލުތަކުގެ ބައި-އިލެކްޝަނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ށ. ފުނަދޫގެ ހުރިހާ ގޮނޑިތަކެއް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މިއީ އެ ރަށުގެ ސިޔާސީ މަސްރަހުގައި އެ ޕާޓީން ހޯދި ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.
މި އިންތިހާބުގައި ފުނަދޫ ރަށު ކައުންސިލްގެ ރައީސް ކަމަށާއި މެންބަރު ކަމަށް ޕީއެންސީގެ ޓިކެޓްގައި ވާދަކުރި ފަސް ކެންޑިޑޭޓުން ވެސް ވަނީ ބޮޑު އަޣުލަބިއްޔަތަކުން ގޮނޑިތައް ކާމިޔާބު ކޮށްފައެވެ. މީގެ އިތުރުން، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ރައީސާގެ މަގާމަށާއި މެންބަރު ކަމަށް އެ ޕާޓީން ކުރިމަތިލީ ފަސް ކެންޑިޑޭޓުން ވެސް ވަނީ އިންތިޚާބު ކާމިޔާބު ކޮށްފައެވެ.
އިއްޔެ ބޭއްވުނު މި އިންތިހާބުގައި ސިޓީތަކުގެ މޭޔަރުކަމުގެ ގޮނޑިތައް ޕީއެންސީއަށް ގެއްލުނު ނަމަވެސް، ރަށްރަށުގެ ކައުންސިލްތަކުގެ ގޮނޑިތަކުން އެ ޕާޓީން ވަނީ ބޮޑު ކުރިއެރުމެއް ހޯދާފައެވެ. ހާއްސަކޮށް ފުނަދޫ ފަދަ ބޮޑެތި ރަށްރަށުގެ ހުރިހާ ގޮނޑިއެއް ކާމިޔާބު ކުރުމަކީ ޕާޓީއަށް ލިބުނު ބޮޑު އިތުބާރެއްގެ ގޮތުގައި ބެލެވެއެވެ.



