އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ލ. ފޮނަދޫގެ ހުރިހާ ގޮނޑިތަކެއް ވެރިކަން ކުރާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. އިލެކްޝަންސް ކޮމިޝަން (އީސީ) އިން އާންމުކޮށްފައިވާ ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި، އެ ރަށުން ވާދަކުރި ޕީއެންސީގެ ހުރިހާ ކެންޑިޑޭޓުން ވަނީ އިންތިހާބު ކާމިޔާބުކޮށްފައެވެ.
މި އިންތިހާބުގައި ފޮނަދޫ ކައުންސިލްގެ ފަސް ގޮނޑި އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަސް ގޮނޑިއާއެކު، ޖުމްލަ 10 ގޮނޑި ވެސް ކާމިޔާބުކުރީ ޕީއެންސީގެ ކެންޑިޑޭޓުންނެވެ. މިއީ އެ ރަށުގެ ސިޔާސީ މަސްރަހުގައި ވެރިކަން ކުރާ ޕާޓީން ހޯދި ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.
ފޮނަދޫ ކައުންސިލްގެ ރައީސް ކަމަށް އިންތިހާބުވެވަޑައިގަތީ އަހުމަދު ރިޔާޞް އެވެ. ކައުންސިލް މެމްބަރުންގެ ގޮތުގައި އިންތިހާބުވީ އަހްމަދު މަމްދޫހު، އަބްދުއް ރަޢޫފް ޔޫސުފް، ވަރުދާ ހުސައިން އަދި އައިޝަތު އަޒީމާއެވެ.
އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސް ކަމަށް އައިޝަތު ރިޝްމާ އިންތިހާބުވެވަޑައިގަތްއިރު، އެ ކޮމިޓީގެ މެމްބަރުންގެ ގޮތުގައި އިންތިހާބުވީ އައިމިނަތު ރާފިއާ، ޝަކީލާ އަލީ، އައިޝަތު ޒޫނާ އަދި މަލަކާ މޫސާއެވެ.
މުޅި ރާއްޖޭގައި އިއްޔެ ކުރިއަށްދިޔަ މި އިންތިހާބުތަކުގައި ގިނަ ގޮނޑިތަކެއް ޕީއެންސީން ކާމިޔާބުކޮށްފައިވާކަން ފާހަގަކުރެވެއެވެ. މިއީ ސަރުކާރަށް ރައްޔިތުން އޮތް ތާއީދު ހާމަވެގެންދިޔަ އިންތިހާބެއްގެ ގޮތުގައި ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ސިފަކުރެއެވެ.



