މާލެ ސިޓީގެ މޭޔަރު ކަމަށް ޕީއެންސީގެ ޓިކެޓްގައި ވާދަކުރެއްވި މޫސާ އަލީ ޖަލީލް، އިންތިޚާބުގައި އޭނާއަށް ވޯޓު ދެއްވި ހުރިހާ ރައްޔިތުންނަށް ޝުކުރު އަދާކުރައްވައިފިއެވެ. އޭނާ މިހެން ވިދާޅުވީ އިންތިޚާބަށްފަހު އާންމުކުރެއްވި ޝުކުރުގެ މެސެޖެއްގައެވެ.
މޫސާ އަލީ ޖަލީލް ވިދާޅުވީ، މާލެ ސިޓީގެ މޭޔަރުކަމަށް އޭނާއަށް ވޯޓު ދެއްވި ރައްޔިތުން ކުރެއްވި އިތުބާރާއި ދެއްވި ތާއީދު އަބަދުވެސް ޝުކުރުވެރިކަމާއެކު ހަނދާން ބަހައްޓާނެ ކަމަށެވެ.
“މާލެ ސިޓީގެ މޭޔަރުކަމަށް އަޅުގަނޑަށް ވޯޓް ދެއްވި ހުރިހާ ލޮބުވެތި ރައްޔިތުން އަޅުގަނޑަށް ކުރެެއްވި އިތުބާރާ ދެއްވި ތާއީދު އަބަދުވެސް ޝުކުރުވެރިކަމާއެެކު ހަނދާން ބަހައްޓާނަމެވެ،” އޭނާގެ މެސެޖުގައި ބަޔާންކުރައްވާފައިވެއެވެ.
މީގެ އިތުރުން، ކޮންގްރެސް ޕާޓީގެ ޓިކެޓްގައި ވާދަކުރުމުގެ ފުރުސަތު ދެއްވައި، އިންތިޚާބުގައި ބޮޑު އެހީތެރިކަމެއް ދެއްވި ކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަށާއި، ޕާޓީގެ ލީޑަރޝިޕް އަދި މެންބަރުންނަށް ވެސް އޭނާ ވަނީ އިޚްލާސްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ.
މޫސާ އަލީ ޖަލީލްގެ މެސެޖު ނިންމާލައްވާފައިވަނީ އިންތިޚާބުގައި ކާމިޔާބީ ހޯއްދެވި ހުރިހާ ކެންޑިޑޭޓުންނަށް މަރުޙަބާ ދަންނަވަމުންނެވެ. އަދި ދިވެހިރާއްޖެއާއި ދިވެހި ރައްޔިތުންނަށް އަބަދުވެސް ފާގަތިކަމާއި ބާއްޖަވެރިކަމަށް އެދޭ ކަމަށް އޭނާ ވިދާޅުވިއެވެ.



