ދުނިޔޭގެ ސިއްހަތު ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި މެސެޖެއްގައި، ދުނިޔޭގެ ސިއްހަތު ރައްކާތެރިކުރުމަށްޓަކައި ސައިންސްގެ އަލީގައި ކުރެވޭ ގުޅިފައިވާ މަސައްކަތްތަކުގެ މުހިންމުކަން ފާހަގަކުރައްވައިފިއެވެ.
އެގޮތުން ރައީސް ވަނީސިއްހީ ސިޔާސަތުތަކާއި ފިޔަވަޅުތަކަކީ ސާބިތުވެފައިވާ ސައިންޓިފިކް ހޯދުންތަކުގެ މައްޗަށް ބިނާވެފައިވާ ކަންކަން ކަމުގައި ހެދުމަށްޓަކައި، ދިރާސާތަކަށް ކުރާ އިންވެސްޓްމަންޓްތައް އިތުރުކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.
ރައީސްގެ ވާހަކަފުޅުގައި “ވަން ހެލްތު” ސިޔާސަތުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން ވަރުގަދަކޮށް، ‘ވަން ހެލްތު’ ސިޔާސަތުގެ އަސާސަކީ ސައިންސްގެ މައްޗަށް ބިނާވެފައިވާ ގޮތްތައް ކަމުގައި ވާންޖެހޭ ކަމަށެވެ. މި ސިޔާސަތަކީ އިންސާނުންނާއި، ޖަނަވާރުންނާއި، އަދި ތިމާވެށީގެ ދުޅަހެޔޮކަމަކީ އެކަތި އަނެކައްޗާ ގުޅިލާމެހިފައިވާ ކަންކަން ކަމަށް ބަލައިގެން މަސައްކަތްކުރުމެވެ.
ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ރައީސް ވިދާޅުވީ، ސިއްހީ ސިޔާސަތުތައް އެކުލަވާލުމުގައި ސައިންޓިފިކް މައުލޫމާތަށް އިސްކަންދެމުންދާ ކަމަށެވެ. މީގެ އިތުރުން ސިއްހީ ދާއިރާ ޑިޖިޓަލައިޒްކޮށް، މައުލޫމާތު ފޯރުކޮށްދޭ ނިޒާމުތައް ލާމެހިގެންދާނެ ގޮތް ހެދުމަށާއި، ބަލިތައް އަވަހަށް ދެނެގަނެ ފައިދާހުރި ފަރުވާ ކަށަވަރުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ދުނިޔޭގެ ސިއްހަތު ދުވަހުގެ ތަހުނިޔާ ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އަރިސްކުރައްވަމުން، މިއަހަރުގެ ޝިއާރު ކަމުގައިވާ “ސިއްހަތަށްޓަކައި އެކުގައި، އަދި ސައިންސާ އެކު ސާބިތުވެ ތިބުމަށް” މި ޝިއާރުގެ ދަށުން މަސައްކަތް ކުރުމަށް އަޒުމު ކަނޑައެޅުމަށް ރައީސް ވަނީ ގޮވާލައްވާފައެވެ.



