ތ. ވޭމަންޑޫގެ ބިން ހިއްކުމުގެ ބޮޑު މަޝްރޫއު އެންމެ 23 ދުވަހުގެ ތެރޭގައި ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވޭމަންޑޫ ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދާ އެއްގޮތަށް މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ މާޗު މަހުގެ 12 ވަނަ ދުވަހުއެވެ.
މި މަޝްރޫޢު ނިމުނުކަން އިޢުލާން ކުރައްވައި ރައީސުލްޖުމްހޫރިއްޔާ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި މަހުގެ 4 ވަނަ ދުވަހަށް ބިން ހިއްކުމުގެ ހުރިހާ މަސައްކަތެއް ނިމިފައިވާ ކަމަށެވެ. މި މަޝްރޫޢުގެ ދަށުން ޖުމްލަ 27 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ.
މި މަޝްރޫޢާ ގުޅޭގޮތުން ރައީސް މުޢިއްޒު މީގެކުރިން ވިދާޅުވެފައިވަނީ، ވޭމަންޑޫއަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލުކުރުމަކީ ސަރުކާރުގެ އިސް އަމާޒެއް ކަމަށެވެ. އެގޮތުން 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެރަށަށް ކުރެއްވި ޒިޔާރަތުގައިވެސް އެމަނިކުފާނު ވަނީ މި މަޝްރޫޢު ބާރުމިނުގައި ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
މި މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިންނެވެ. އެ ކުންފުނިން މަޢުލޫމާތު ދޭ ގޮތުގައި މި އޮޕަރޭޝަނުގައި ބޭނުންކޮށްފައިވަނީ “ފިލިއްޕޯ ބްރޫނެލެސްކީ” ނަމަކަށް ކިޔާ، 11,300 ކިއުބިކް މީޓަރުގެ ކެޕޭސިޓީ ހިމެނޭ ބޮޑު ޑްރެޖަރެކެވެ.
މިފަދަ ބޮޑު މަޝްރޫޢެއް އެންމެ 23 ދުވަހުގެ ތެރޭގައި ނިންމާލުމަކީ ބިން ހިއްކުމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ބޮޑު ކުރިއެރުމެކެވެ. މި އައު ބިމާއެކު ވޭމަންޑޫގެ ތަރައްޤީއަށާއި ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.



