2026 އެޕްރީލް 4 ވީ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި، ބައެއް ދާއިރާތަކުގެ ކެންޑިޑޭޓުންނަށް ލިބުނު ވޯޓު އެއްވަރުވުމާ ގުޅިގެން އެ ދާއިރާތަކުގެ އިންތިޚާބުގެ އިތުރު ބުރެއް ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ކުރި އިޢުލާނެއްގައި ބުނެފައިވަނީ، އިންތިޚާބުކުރަންޖެހޭ މެންބަރުންގެ ޢަދަދަށްވުރެ ގިނަ ކެންޑިޑޭޓުންނަށް ވޯޓު އެއްވަރުވެފައިވާތީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނުގެ 22 ވަނަ މާއްދާގެ (ހ) އާއި އެ އިންތިޚާބުގެ ގަވާއިދުގެ 50 ވަނަ މާއްދާގެ (ހ) އާ އެއްގޮތްވާ ގޮތުގެ މަތިން އިތުރު ބުރެއް ބާއްވަން ނިންމާފައިވާ ކަމަށެވެ. މި ވޯޓުލުން ބޭއްވުމަށް ހަމަޖެހިފައިވަނީ 2026 އެޕްރީލް 18 ވާ ހޮނިހިރު ދުވަހު އެވެ.
އިތުރު ބުރު ބާއްވާ ދާއިރާތަކާއި މަޤާމުތައް:
އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި އިތުރު ބުރު ބާއްވަނީ އަންނަަނިވި ދާއިރާތަކުގައެވެ:
- ބ. ދޮންފަން ކައުންސިލް: އަންހެނުންނަށް ޚާއްޞަ ގޮނޑި (ޕީއެންސީ އަދި އެމްޑީޕީ ކެންޑިޑޭޓް)
- ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާ: އަންހެނުންނަށް ޚާއްޞަ ގޮނޑި (ޕީއެންސީ އަދި އަމިއްލަ ކެންޑިޑޭޓް)
- ހއ. ކެލާ: އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް (ޕީއެންސީ އަދި އެމްޑީޕީ ކެންޑިޑޭޓް)
- ހދ. ނޭކުރެންދޫ: އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު (ޕީއެންސީ އަދި އަމިއްލަ ކެންޑިޑޭޓް)
- ލ. މާވަށް: އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު (ޕީއެންސީ އަދި އެމްޑީޕީ ކެންޑިޑޭޓް)
މި ދާއިރާތަކުގެ ވޯޓުލުން ކުރިއަށްދާނީ އެޕްރީލް 18 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ. އަދި މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާނުކުރުމަށް ހަމަޖެހިފައިވަނީ ޖެހިގެން އަންނަ އެޕްރީލް 19 ވާ އާދިއްތަ ދުވަހު ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތު ދެއެވެ.



