ކަނޑައަޅާފައިވާ އުސޫލުގެ މަތިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެއެވެ. މިކަން ހާމަކުރައްވާފައިވަނީ މިއަދު ހީނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ހީނާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ނޫސްވެރިންނާ ބައްދަލުކުރެއްވުން މާރިޗް އެއް ވަނަ ދުވަހުން ފެށިގެން ކަނޑައަޅުއްވާފައިވާ އުސޫލުގެ މަތިން ގަވާއިދުން ކުރިއަށްދާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ހަފުތާތަކުގައިވެސް މި އުސޫލާ އެއްގޮތަށް ބައްދަލުވުންތައް ތާވަލުކުރެވޭނެ ގޮތް މީޑިއާތަކަށް އަންގަމުން ގެންދާނެ ކަމަށްވެސް ތަރުޖަމާން ވިދާޅުވިއެވެ.
ނޫސްވެރިންނާ ބައްދަލުކުރެއްވުމާ ގުޅޭގޮތުން މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވަނީ އާއްމު އުސޫލެއްގެ މަތިން، ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހު ހެނދުނު 10:00 އިން 11:00 އަށް ނޫސްވެރިންނާއި ބައްދަލުކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
މީގެ އިތުރުން، ރައީސް ވިދާޅުވެފައިވަނީ ދަތުރެއް ކުރަން ޖެހުން ނުވަތަ ބަންދު ދުވަހަކާ ދިމާވުން ފަދަ ޝެޑިއުލަށް ބަދަލު އަންނަ ފަދަ ކަމެއް މެދުވެރި ނުވާހާ ހިނދަކު، މި އުސޫލުން ބައްދަލުވުންތައް ކުރިއަށް ގެންދިއުމުގައި ދެމިހުންނަވާނެ ކަމަށެވެ.



