މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އާންމުން ހޭލުންތެރިކުރުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށްގެންދާ “ރައްކާ ރޯޑްޝޯ” ރ. އަތޮޅުގައި ބޭއްވުމަށް ހަމަޖެހިފައިވާކަން ފުލުހުންގެ އިދާރާއިން ހާމަކޮށްފިއެވެ. މި ރޯޑްޝޯ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި މަހުގެ 17 އިން 27 ގެ ނިޔަލަށެވެ.
ފުލުހުން ބުނި ގޮތުގައި މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ އާންމުންގެ ބައިވެރިވުމާއެކު މަގުމަތީގެ ރައްކާތެރިކަމާ މެދު މުޖުތަމައު ހޭލުންތެރިކަން އިތުރުކުރުމެވެ. މި ދުވަސްތަކުގައި ރ. އަތޮޅުގެ އެކި ރަށްތަކުގައި ރައްޔިތުންނަށް އަމާޒުކޮށްގެން ތަފާތު ގިނަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ރޭވިފައެވެ.
މި ރޯޑްޝޯގެ ތެރެއިން ރޯޑް ސޭފްޓީ ވޯކް، ޓީމް ބިލްޑިން ހަރަކާތްތައް، “ބީޗް ބްލާސްޓް” އިވެންޓްތައް، އަދި ކުއިޒް މުބާރާތްތައް ކުރިއަށްދާނެއެވެ. މީގެ އިތުރުން މުޖުތަމައުގެ ގުޅުން ބަދަހިކުރުމަށް ވޮލީ އަދި ފުޓްސަލް މުބާރާތްތަކެއް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ދަރިވަރުންނާއި ޒުވާނުންނަށް އަމާޒުކޮށްގެން “ޓްރެފިކް މޮނީޓަރސް ޕްރޮގްރާމް” އާއި “ފަހިރާސްތާ” ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. އަދި މަގުމަތީގެ ގަވާއިދުތަކަށް އަހުލުވެރިކުރުވުމަށް ހާއްސަ ސެޝަންތަކެއް ބޭއްވުމާއި، އެކި ރަށްތަކުގައި މަގުމަތީގެ ރައްކާތެރިކަމާ ގުޅޭ ބިލްބޯޑްތައް ހަރުކުރުން ވެސް މި ހަރަކާތުގެ ތެރޭގައި ހިމެނެއެވެ.
“ރަނގަޅުކޮށްލާ” މި ޝިއާރުގެ ދަށުން ކުރިއަށްގެންދާ މި ކެމްޕޭނަކީ ފުލުހުންގެ ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަން ޑިޕާޓްމަންޓާއި، ސަރުކާރުގެ އިދާރާތަކާއި، ކައުންސިލްތަކުގެ އިތުރުން އަމިއްލަ ކުންފުނިތައް ގުޅިގެން ހިންގާ ހަރަކާތެކެވެ. މި އަހަރުގެ ޕާޓްނަރުންގެ ތެރޭގައި އޫރީދޫ، އެލައިޑް، އެމް.ޓީ.ސީ.ސީ، އަވަސް އަދި ޝީޝާ ހިމެނެއެވެ.



