ރައީސް އޮފީހުގެ ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަންކަމުގެ މަޤާމަށް މިނިސްޓަރުންގެ ފެންވަރުގައި، މުހައްމަދު ހުސައިން ޝަރީފް (މުންދު) މިއަދު އައްޔަންކުރައްވައިފިއެވެ.
ޔޫއޭއީގެ ސަފީރުކަމުން މިމަހުގެ ހަވަނަ ދުވަހު ވަކިކުރެއްވުމަށްފަހު މުންދު، ރައީސް އޮފީހުގެ އިސް ތަރުޖަމާނުކަމަށް އައްޔަންކުރެއްވީ ރޭ ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައެވެ.
މީގެ ކުރިން މުންދު ވަނީ، ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމާއި ބޭރުގެ އެކިއެކި ޤައުމުތަކަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމުތައް އެކި ދުވަސްވަރު ފުރުއްވާފައެވެ.
އެގޮތުން ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ސަރުކާރުގައި އިސް ތަރުޖަމާނުކަން 2005އިން 2007އަށް، އަދި ރައީސްގެ ތަރުޖަމާނުކަން 2007އިން މައުމޫންގެ ދައުރު ހަމަވަންދެން ކުރައްވައިފައެވެ. އެއަށްފަހު ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ރައީސް އޮފީހުގެ މިނިސްޓަރުކަން ކުރެއްވިއެވެ.



