ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިޔުޑީސީ)ގެ އިންތިޚާބުގައި، ވޯޓު އެއްވަރުވުމުގެ ސަބަބުން ދެވަނަ ބުރެއް ބާއްވަން ޖެހުނު ދާއިރާތަކުގެ ވޯޓުލުން މިއަދު ހެނދުނު ފަށައިފިއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނި ގޮތުގައި މިއަދު ހެނދުނު 08:00 ގައި ފެށި މި ވޯޓުލުން ކުރިއަށްދާނީ ހަވީރު 16:00 އާ ހަމައަށެވެ. މި އިންތިޚާބުގެ ވޯޓުލާ މަރުކަޒުތައް ގާއިމުކޮށްފައި ވަނީ ކަމާބެހޭ ރަށްތަކާއި ސިޓީތަކުގެ އިތުރުން މާލެ ސިޓީގައެވެ.
:ދެވަނަ ބުރު ބާއްވާ ދާއިރާތައް
މި އިންތިޚާބުގައި ދެވަނަ ބުރެއް ބާއްވަން ޖެހުނީ ކެންޑިޑޭޓުންނަށް ލިބުނު ވޯޓު އެއްވަރުވުމާ ގުޅިގެންނެވެ. އެގޮތުން ވޯޓުލުން ކުރިއަށްދާ ދާއިރާތަކަކީ:
ބ. ދޮންފަން ކައުންސިލް (އަންހެނުންނަށް ޚާއްސަ ގޮނޑި)
ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާ (އަންހެނުންނަށް ޚާއްސަ ގޮނޑި)
ހއ. ކެލާ ޑަބްލިޔުޑީސީގެ ރައީސް
ހދ. ނޭކުރެންދޫ ޑަބްލިޔުޑީސީގެ މެންބަރު
ލ. މާވަށް ޑަބްލިޔުޑީސީގެ މެންބަރު
މިމަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި އިންތިޚާބުތަކުގެ ތެރޭގައި، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމާ ގުޅޭ ގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓެއް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
އީސީން މައުލޫމާތު ދޭ ގޮތުގައި މިއަދު ބާއްވާ އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާނުކުރުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ. މި އިންތިޚާބު ބާއްވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނާއި ކަމާބެހޭ ގަވާއިދުތަކުގެ ދަށުންނެވެ.



