މަސްތުވާތަކެތި ގެންގުޅުމާއި އޭގެ ބޭނުންކުރުމުގެ އިތުރުން، ޖުވާކުޅުން ފަދަ ގާނޫނާ ހިލާފު އަމަލުތަކެއް ހިންގާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ގިނަ އަދަދެއްގެ ބިދޭސީން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުން ހާމަކުރި ގޮތުގައި މި މީހުން އަތުލައިގަތީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ބުރާސްފަތި ދުވަހު އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ. މި އޮޕަރޭޝަނަކީ ގާނޫނާ ހިލާފު އަމަލުތައް ހުއްޓުވުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހިންގުނު ހަރަކާތެކެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ 38 ފިރިހެނުންނެވެ. ފުލުހުން ބުނި ގޮތުގައި މި މީހުންނާ މެދު އިމިގްރޭޝަންގެ ގާނޫނުގެ ދަށުން ފިޔަވަޅު އެޅުމަށްޓަކައި، މިހާރު ވަނީ މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައެވެ.
މި މީހުން ރާއްޖެއިން ޑީޕޯޓްކޮށްލުމުގެ މަސައްކަތް އިމިގްރޭޝަނުން ކުރަމުންދާއިރު، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާއި ކުށްތަކަށް އަރައިގަންނަ ބިދޭސީން ހޯދުމުގެ މަސައްކަތް ސަރުކާރުން ވަނީ ވަރުގަދަކޮށްފައެވެ.



