11 އަހަރުގެ އަންހެން ކުއްޖަކާއެކު ޖިންސީ އަމަލު ހިންގި މައްސަލައެއްގައި މާލޭ މީހަކު 16 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ. މި މައްސަލައިގައި ކުށް ސާބިތުވެ ހުކުމް އިއްވާފައިވަނީ މ. މުނިޔާގެ، މުޙައްމަދު އަނިލް (47އ) ގެ މައްޗަށެވެ.
ފުލުހުން ތަހުގީގުކުރި މި މައްސަލައިގައި އަނިލްގެ މައްޗަށް ދައުވާ އުފުލާފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުންނެވެ. މި މައްސަލައިގެ ތަހުގީގު ނިންމައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކޯޓަށް ހުށަހެޅުމުން، ހެކިތަކާއި ގާނޫނީ ބަހުސްތަކަށް ބެލުމަށްފަހު ކޯޓުން ހުކުމް ކުރީ މިދިޔަ ބުދަ ދުވަހުއެވެ.
ކްރިމިނަލް ކޯޓުގެ ހުކުމުގައިވާ ގޮތުން، އަނިލްގެ މައްޗަށް ކަނޑައެޅި 16 އަހަރުގެ ޖަލު ހުކުމުން، އޭނާ މި މައްސަލައިގައި ބަންދުގައި ހޭދަކުރި ހަތަރު މަހާއި 19 ދުވަސް ވަނީ އުނިކޮށްފައެވެ. އެހެންކަމުން، އޭނާ ތަންފީޒުކުރަން ޖެހޭނީ 15 އަހަރާއި ހަތް މަހާއި 11 ދުވަހުގެ ޖަލު އަދަބެކެވެ.



