އެއްވުމެއް ހިނގަމުންދިޔަ ސަރަހައްދަކުން ރޭގެ ވަގުތެއްގައި ހޮސްޕިޓަލަށް ގެންދެވުނު މީހަކަށް އަނިޔާވެފައިވަނީ، އެއްވުމާ ގުޅިގެން ފުލުހުން އެޅި ފިޔަވަޅުތަކެއްގެ ސަބަބުން ކަމަށް ބުނެ ފެތުރެމުންދާ ވާހަކަތައް ދިވެހި ފުލުހުންގެ ހިދުމަތުން ދޮގުކޮށްފިއެވެ.
މިކަމާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެއްވުން ކޮންޓްރޯލް ކުރުމަށް ފުލުހުން ހިންގި އެއްވެސް ހަރަކާތަކާ، އެ މީހާއަށް އަނިޔާ ލިބުމާ ނުވަތަ ހާލު ދެރަވުމާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. އަދި ފެތުރެމުންދާ ވާހަކަތަކާ ހިލާފަށް، ރޭގެ އެއްވުން ކޮންޓްރޯލް ކުރުމުގައި ފުލުހުން ބާރުގެ ބޭނުންކޮށްފައި ނުވާނެ ކަމުގެ ޔަގީންކަން ވެސް ފުލުހުން ވަނީ އަރުވާފައެވެ.
ފުލުހުން އިތުރަށް ހާމަކުރި ގޮތުގައި، އެ މީހާއަށް ދިމާވި ކަންތައްތަކަކީ އެއްވުމާ ގުޅިގެން ފުލުހުން އެޅި އެއްވެސް ފިޔަވަޅެއްގެ ސަބަބުން ހިނގާފައިވާ ކަމެއް ނޫނެވެ. މިފަދަ ހަގީގަތާ ހިލާފު ދޮގު މައުލޫމާތު ފެތުރުމުގެ ސަބަބުން ދައުލަތުގެ މުއައްސަސާތަކަށް އޮންނަ އިތުބާރު ކުޑަވެ، ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
އެހެންކަމުން، މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށްފަހު މެނުވީ މައުލޫމާތު ނުފެތުރުމަށް ދައުލަތުގެ އިދާރާތަކަށާއި، މީޑިއާތަކުގެ އިތުރުން އާންމު ރައްޔިތުންނަށް ދިވެހި ފުލުހުންގެ ހިދުމަތުން ވަނީ އިލްތިމާސްކޮށްފައެވެ.



