ވަގަށް ޕާޓީތަކުގެ ދަފުތަރުގައި މީހުން ޖެއްސުމުގެ މައްސަލަހައްލު ކުރެވޭނީ އިލެކްޝަންސް ކޮމިޝަނުގައި ފިންގަރ ޕްރިންޓް ވެރިފައި ކުރެވޭނެ ނިޒާމެއް ގާއިމު ކުރެވިގނެން ކަމަށް ނައިފަރިލު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ، އިދިކޮޅު ޕީޕީއެމްއަށް ނިސްބަތްވާ ގިނަ މެންބަރުންތަކެއް އެމްއެންޕީއަށް ގެންގޮސްފައިވާ ކަމަށެވެ.
އަދި އެމްއެންޕީއަށް މެންބަރުން ވަގަށް ގެންދެވޭނެ އޮތީ ދެ ގޮތެއް ކަމަށާއި އެއީ ޑިޕާޓްމެންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް)ގެ އައިޑީކާޑްތައް އެމްއެންޕީއަށް ލިބުންކަމަށާއި އަނެއް ގޮތަކީ ސީދާ އިލެކްޝަން ކޮމިޝަން (އީސީ)ގެ އެތެރެއިން ޕީޕީއެމްއިން ހުށަހަޅާފައިވާ ފޯމުގެ އައިޑީކާޑުގެ ކޮޕީ އެ ޕާޓީއަށް ލިބުން ކަމަށެވެ.
ޝިޔާމް ވިދާޅުވީ މިއީ އިންތިހާއަށް ބޮޑުވެފައިވާ މައްސަލައެއް ކަމަަށާއި މިވާހަކަތައް ދައްކަން ފެށުމުން އެމްއެންޕީގެ މެންބަރުން ޖަލްސާއިންވެސް ގެއްލިފައިވާ ކަމަށެވެ.
އެމްއެންޕީއަކީ ކާނަލް ރިޓަޔަރޑް ނާޒިމް އާއި ކުރީގެ ސީޕީ ރިޔާޒު އިސްކޮށްތިއްބަވާ ހިންގަމުން އަންނަ ޕާޓީއެކެވެ.