މާލެއާއި ހުޅުމާލޭގައި ހިނގާފައިވާ ވައްކަމާއި ފޭރުމުގެ އެކި މައްސަލަތަކުގައި ގެއްލުނު މުދަލާއި ފައިސާގެ ތެރެއިން 619,048 ރުފިޔާ ފުލުހުން އަނބުރާ ހޯދައިފިއެވެ. ފުލުހުންގެ ހިދުމަތުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި ފައިސާއާއި މުދާ ހޯދާފައިވަނީ އޭޕްރީލް މަހުގެ 15 އިން 21 ގެ ނިޔަލަށެވެ.
މި މުއްދަތުގެ ތެރޭގައި މާލޭގެ އެކި އަވަށްތަކުން ޖުމްލަ 335,338 ރުފިޔާގެ މުދަލާއި ފައިސާ ވަނީ ހޯދާފައެވެ. އޭގެ ތެރޭގައި ހިމެނެނީ:
ގަލޮޅު ފުލުހުން ހޯދި 173,800 ރުފިޔާ
ހެންވޭރު ފުލުހުން ހޯދި 95,894 ރުފިޔާ
މާފަންނު ފުލުހުން ހޯދި 65,644 ރުފިޔާ
ހުޅުމާލޭގެ ދެ ފިޔަވަހިން ޖުމްލަ 283,710 ރުފިޔާ ފުލުހުން ވަނީ ހޯދާފައެވެ. މީގެ ތެރޭގައި ހުޅުމާލޭ ފުރަތަމަ ފިޔަވަހިން ހޯދި 181,910 ރުފިޔާ އާއި ދެވަނަ ފިޔަވަހިން ހޯދި 101,800 ރުފިޔާ ހިމެނެއެވެ.
ފުލުހުން ބުނި ގޮތުގައި މި ތަކެއްޗަކީ ވައްކަމާއި ފޭރުމުގެ މައްސަލަތަކުގައި އާންމުންގެ އަތުން ނިގުޅައިގަނެފައިވާ ތަކެއްޗެވެ. އަދި މިފަދަ މައްސަލަތަކުގައި ގެއްލޭ މުދަލާއި ފައިސާ އަނބުރާ ވެރިފަރާތްތަކަށް ހޯދައިދިނުމަށް ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.



