ބުލީ ކުރުމަކީ ޤާނޫނީ ކުށެއް ކަމަށް ކަނޑައަޅައި، އެކަން ހުއްޓުވުމަށްޓަކައި ޚާއްސަ “އެންޓި ބުލީން” ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ..
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ބުލީ ކުރުމުގެ މައްސަލައަކީ ދުނިޔޭގެ އެހެން ޤައުމުތަކެކޭ އެއްފަދައިން ރާއްޖޭގައި ވެސް ބޮޑުވެފައިވާ މައްސަލައެއް ކަމަށެވެ. މިކަން ހައްލުކުރުމަށްޓަކައި 2024 ވަނަ އަހަރު ޤާނޫނުލް އުޤުބާތަށް ގެނެވުނު އިސްލާހުތަކުގެ ދަށުން އޮންލައިންކޮށް ކުރާ ބުލީގެ އަމަލުތައް ހުއްޓުވުމަށް މަސައްކަތްތަކެއް ކުރެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަލަށް އެކުލަވާލާ ޤާނޫނާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިކަން އިތުރަށް ހުއްޓުވުމަށްޓަކައި، އަދި ޕްރިވެންޓިވް އެކިކަހަލަ މެޝާސްތައް ލުމައްޓަކައި، މިފަދަ އަމަލްތައް ކުރާ ފަރާތްތަކަށް ފިޔަވަޅު އެޅުން އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ބުލީ ކުރުން އެއީ ޤާނޫނީ ކުށެއް ކަމަށް ކަނޑައެޅުމަށް އެކަމަށް ހާއްސަ ޤާނޫނެއް، އެންޓި ބުލީ ޤާނޫނެއް ތަޢާރަފް ކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށެވެ.
މި ޤާނޫނު އެކުލަވާލުމުގެ މަސައްކަތް ބަންޑާރަ ނައިބުގެ އޮފީހުން ކުރަމުންދާއިރު، ބުލީ ކުރުމުގެ ގޮތުގައި ބެލެވޭނެ އަމަލުތަކާއި ޤާނޫނު ހިންގާނެ ދާއިރާތައް ސާފުކޮށް ބަޔާންކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އޭގެ ތެރޭގައި ސްކޫލްތަކާއި، ތަޢުލީމުދޭ މަރުކަޒުތަކުގެ އިތުރުން މަސައްކަތުގެ މާހައުލުވެސް ހިމެނޭނެއެވެ.
މި ޤާނޫނު ފަރުމާކުރަނީ ކަމާގުޅޭ ފަންނީ ބޭފުޅުންގެ ލަފަޔާއެކުގައެވެ. މަޝްވަރާގެ މަރުހަލާތައް ނިމުމުން، ޤާނޫނު ފާސްކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ފޮނުވާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.



