ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އާއިލާއާ ދެކޮޅަށް ދޮގު މައުލޫމާތު ފަތުރަމުންދާ ކަމަށް ބުނެ، އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ހިންގުމަށް ގޮވާލައި ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަޑުއުފުލަން ފަށައިފިއެވެ. މި މައްސަލައިގައި ސަރުކާރުގެ ވަޒީރުންނާއި ދީނީ އިލްމުވެރިން އަދި ސިޔާސީ އިސް ބޭފުޅުން ގެންދަނީ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.
ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު ޢަލީ އިޙްސާން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާއާ ދެކޮޅަށް “ޒިނޭ” ކުރި ކަމަށް ބުނެ ދޮގު ތުހުމަތުތަކެއް ކުރި ނޫސް އިދާރާއެއް ފުލުހުން ތަހުގީގުކޮށް ބަލައި ފާސްކުރުމަކީ ރަނގަޅު ނިންމުމެއް ކަމަށެވެ. ނޫސްވެރިކަމުގެ މިނިވަންކަމަކީ ދޮގު ހަދައިގެން މީހުންގެ އަބުރު ކަތިލުމަށް ދީފައިވާ ލައިސަންސެއް ނޫން ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު އިޙްސާން ވަނީ ގާނޫނުއަސާސީގެ 27 ވަނަ މާއްދާއާއި، 28 ވަނަ މާއްދާ އަދި 33 ވަނަ މާއްދާއާ ހަވާލާދީ، ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ އިސްލާމްދީނުގެ އަސްލުތަކާ ހިލާފުނުވާ ގޮތަށް އޮންނަންޖެހޭ ކަމެއްކަމާއި، ކޮންމެ މީހަކަށްމެ އެމީހެއްގެ އަބުރު ރައްކާތެރިކުރުމުގެ ހައްގު ލިބިގެންވާކަން ހަނދާންކޮށްދެއްވާފައެވެ.
“ބޮޑެތި އިލްޒާމްތައް އުފައްދައިގެން ފެތުރުމަކީ ނޫސްވެރިކަމެއް ނޫން،” މިނިސްޓަރު ވިދާޅުވިއެވެ.
ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ، ނޫސްވެރިކަމަކީ މީހުންގެ އަބުރު ކަތިލައި، އާއިލާތައް ރޫޅައި، ގައުމުގެ ހަމަޖެހުން ނަގާލައިގެން އާމްދަނީ ހޯދާ ވިޔަފާރިއަކަށް ވެގެން ނުވާނެ ކަމަށެވެ. އަދި އެފަދަ ފުރުސަތެއް ދައުލަތުގެ އިދާރާތަކުން ދީގެން ނުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ހަމައެއާއެކު، ސްޕޯޓްސް މިނިސްޓަރު ރާފިއު ވިދާޅުވީ ހަގީގަތަކީ އިޚްތިޔާރީ ކަމަކަށް ވެގެން ނުވާނެ ކަމަށާއި، ދޮގު މައުލޫމާތު ފެތުރުން ހުއްޓާލަން ޖެހޭ ކަމަށެވެ.
ކުރީގެ ބަންޑާރަނައިބު ދިޔާނާ ސައީދު އަދި ކުރީގެ މަޖިލިސް މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު ވެސް ވަނީ މިނިވަންކަމަކީ ވަކި އިމެއް އޮންނަންޖެހޭނެ އެއްޗެއްކަން ފާހަގަކުރައްވާފައެވެ. ނިހާން ވިދާޅުވީ ހައްދެއް ނެތް މިނިވަންކަމުގެ ސަބަބުން އަދުލުއިންސާފު ގެއްލި، މުޖުތަމައުގެ ހަމަޖެހުން ގެއްލިދާނެ ކަމަށެވެ.
ދީނީ އިލްމުވެރިޔާ ޝައިޚް އަލީ ޒައިދު ވެސް ވަނީ ގަޒްފު ކުރުމަކީ މިނިވަން ނޫސްވެރިކަމެއް ނޫން ކަމަށާއި، އެކަން ނޯމަލައިޒް ކުރެވިގެން ނުވާނެ ކަމަށް ވިދާޅުވެފައެވެ. ގަޒްފު ކުރުމަކީ ޝަރުއީ ގޮތުން ހައްދެއް ކަނޑައެޅިފައިވާ ކަމެއްކަން ފާހަގަކުރައްވައި، އެފަދަ ކަންކަމަށް ޖާގަދީގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، ރައީސް މުޢިއްޒާއި އެމަނިކުފާނުގެ އާއިލާއަށް އަމާޒުކޮށް ބައެއް ނޫސްތަކާއި ސޯޝަލް މީޑިއާގެ ވަގު އެކައުންޓްތަކުން ފުރައްސާރަކުރަމުންދާ ކަމަށެވެ. އަދި ހައުސިން މިނިސްޓަރު މުއްތަލިބާއި ސްޕޯޓްސް މިނިސްޓަރު ރާފިއު ވެސް ވަނީ ނޫސްވެރިކަމުގެ ނަމުގައި މީހުންގެ އަބުރު ކަތިލައި ދޮގު ފެތުރުން ހުއްޓާލަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.
މި މައްސަލައިގައި ގިނަ ބަޔަކު ގޮވާލަމުންދަނީ ގާނޫނީ އިމުގެ ތެރެއިން މިފަދަ ދޮގު މައުލޫމާތު ފަތުރާ ފަރާތްތަކަށް ފިޔަވަޅު އަޅައި، ރައީސުލްޖުމްހޫރިއްޔާގެ ގާނޫނީ ހައްގުތައް ކަށަވަރުކޮށްދިނުމަށެވެ.



