މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ޅެން ހެދުމާއި، މަޒުމޫނު ލިޔުން އަދި ކުރުވާހަކަ ލިޔުމުގެ ގައުމީ މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 20 ވަނަ ދުވަހު ހުޅުވާލުމަށް ނިންމައިފިއެވެ. މިކަން އިއުލާނު ކުރެއްވީ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓާ އޮފް އާޓްސް ކަންލްޗާ އަފި ހެރިޓޭޖް، ހީނާ ވަލީދު ހީނާ ވަލީދެވެ.
ދިވެހިބަހުގެ އެކެޑަމީން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މި މުބާރާތްތަކަކީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ ހަރަކާތްތަކެކެވެ. މިނިސްޓަރު ހީނާ ވިދާޅުވީ، ދިވެހި ބަހުގެ އެކެޑަމީން ކޮންމެ އަހަރަކުވެސް މުހިންމު ހަރަކާތްތަކެއް ރާވައިގެން ކުރިއަށް ގެންދާ ކަމަށާއި، މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރުވެސް ތަފާތު އެކި ހަރަކާތްތައް ހިންގަމުންދާ ކަމަށެވެ.
“ދިވެހި ބަހުގެ އެކެޑަމީން ކޮންމެ އަހަރަކުވެސް މުހިންމު ހަރަކާތްތަކެއް ރާވައިގެން ކުރިއަށް އެބަ ގެންދޭ. އެގޮތަށް މި އަހަރުވެސް ވަނީ ހަރަކާތްތަކެއް ރޭވިފަ. އެގޮތުން އޭގެ އެއްކަމަކީ މިމަހުގެ 20 ގައި މަޒުމޫނު ލިޔުމުގެ ގައުމީ މުބާރާތާއި ޅެން ހެދުމުގެ ގައުމީ މުބާރާތާއި ކުރުވާހަކަ ލިޔުމުގެ ގައުމީ މުބާރާތް ހުޅުވާލުން،” ހީނާ ވިދާޅުވިއެވެ.
ދިވެހިބަހުގެ އެކެޑަމީން ދާދިފަހުން ކުރިއަށްގެންދިޔަ ކާމިޔާބު ހަރަކާތްތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވަނީ ހުޅުމާލޭގައި ބޭއްވި “ދިވެހިބަހުގެ ހަވީރު” އާއި ގައުމީ ޔުނިވާސިޓީއާ ގުޅިގެން ބޭއްވި ތާރީޚީ މަސައްކަތު ބައްދަލުވުން ފާހަގަކުރައްވާފައެވެ. މިފަދަ ހަރަކާތްތަކުގެ މައިގަނޑު ބޭނުމަކީ އުނގަންނައިދިނުމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ތާރީޚާއި ބެހޭގޮތުން މައުލޫމާތު ދިނުމާއި، ކުޑަކުދިންނަށް މިފަދަ މައުލޫމާތުތައް ފޯރުކޮށްދިނުމެވެ.
މި ގައުމީ މުބާރާތްތަކުގެ މައިގަނޑު މަގުސަދަކީ ދިވެހިބަހާއި އަދަބިއްޔާތު ކުރިއަރުވައި، ދިވެހި ބަހުގެ ހުނަރުވެރިން އުފައްދައި ތަރައްގީ ކުރުން ކަމަށް މިނިސްޓަރު ހީނާ ވަލީދު ފާހަގަކުރެއްވިއެވެ.



