ބިންވެރިޔާ ސްކީމުގެ ތިންވަނަ ކެޓަގަރީގެ ދަށުން ގޯއްޗާއި ފްލެޓަށް ކުރިމަތިލުމުގެ ފުރުޞަތު މި މަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށް މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓުން ހާމަކޮށްފިއެވެ. މި ފުރުޞަތު ހުޅުވާލާފައިވަނީ ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ގޯތި ލިބުނު ފަރާތްތަކުގެ ތެރެއިން، އެ ގޯތި ދޫކޮށްލުމަށްފަހު ފްލެޓަށް ނުވަތަ ވަކިން ގޯއްޗާއި ފްލެޓަށް އެދެން ބޭނުންވާ ފަރާތްތަކަށެވެ.
ގެޒެޓުގައި ޝާއިއުކޮށްފައިވާ އުސޫލަށް ގެނައި އިސްލާހުގައިވާ ގޮތުން، ކެޓަގަރީ 3 ގެ ދަށުން އެޕްލިކޭޝަން ހުށަހެޅޭނީ ދެ ބަޔަކަށެވެ. އެއީ ސިންގަލް އެޕްލިކޭޝަނެއް ހުށަހަޅައި ގޯތި ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ގޯތި ދޫކޮށް ފްލެޓަށް ބަދަލުވާން އެދޭ ފަރާތްތަކާއި، ޖޮއިންޓް އެޕްލިކޭޝަން ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ގޯތި ދޫކޮށްލުމަށްފަހު ވަކިވަކިން ގޯއްޗާއި ފްލެޓަށް އެދެން ބޭނުންވާ ފަރާތްތަކެވެ. މި ޕްރޮގްރާމްގެ ދަށުން ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ރަސްމާލެއިން ކަމަށާއި، އެއީ 1250 އަކަފޫޓުގެ ގޯތިތަކެއް ކަމަށް ސަރުކާރުން ބުނެއެވެ.
ސަރުކާރުން މިހާރު ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ތެރޭގައި ތިން ކެޓަގަރީއެއް ހިމެނެއެވެ. އޭގެ ތެރޭގައި ޖޮއިންޓް އެޕްލިކޭޝަން ހުށަހަޅައި ގޯތި ލިބިފައިވާ ފަރާތްތަކާއި، ކުރީގެ ސްކީމްތަކުން ފްލެޓް ލިބިފައިވުމުގެ ސަބަބުން ބިންވެރިޔާ ސްކީމަށް ކުރިމަތިނުލެވުނު ފަރާތްތަކުގެ އިތުރުން، މިހާރު ހުޅުވާލެވުނު ތިންވަނަ ކެޓަގަރީ ހިމެނެއެވެ. މި މަޝްރޫޢުގެ ދަށުން ޖުމްލަ 15،000 ގޯއްޗާއި 7،900 ފްލެޓް ދޫކުރުމަށް ވަނީ ނިންމާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންނާ ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކަށްފަހު، އާންމުންގެ ޚިޔާލާއި ބޭނުންތަކަށް ރިއާޔަތްކޮށް ބައެއް ކެޓަގަރީތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. “ބޯހިޔާވަހިކަން އެންމެންނަށް” ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މި މަސައްކަތުގެ ތެރެއިން ގިނަ ކެޓަގަރީތަކަކުން ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ ނިޔަލެވެ.



