ފާއިތުވެ ދިޔަ ދެ މަސް ދުވަހުގެ ތެރޭގައި ރާއްޖޭގައި އަރިދަފުސް ރޯގާ އާއި އިންފްލުއެންޒާ ފަދަ ނޭވާލާ ނިޒާމުގެ ބަލިތައް ފެތުރޭ މިންވަރު ކަންބޮޑުވާ ދަރަޖައަކަށް އިތުރުވެފައިވާތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މާޗް މަހު ރިޕޯޓުކުރި 20,810 ކޭސްއާ އަޅާބަލާއިރު، އޭޕްރީލް މަހު މި އަދަދު ވަނީ 24,221 އަށް އުފުލިފައެވެ. މި ބަލިތައް އެންމެ ބޮޑަށް ފެތުރެމުންދަނީ މާލެ ސަރަހައްދުގެ އިތުރުން ހއ، ށ، ރ، ޅ އަދި އދ. އަތޮޅުގައެވެ.
އިންފްލުއެންޒާގެ ހާލަތަށް ބަލާއިރު، ބައްޔަށް ޓެސްޓުކުރާ މީހުން ޕޮޒިޓިވްވާ ނިސްބަތް ވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މާޗް މަހު ޕޮޒިޓިވްވީ އެންމެ 5 ސާމްޕަލް ކަމަށްވީ ނަމަވެސް، އޭޕްރީލް މަހު 171 ސާމްޕަލްގެ ތެރެއިން 62 ސާމްޕަލް ވަނީ ޕޮޒިޓިވްވެފައެވެ. މީގެ އިތުރުން ބޭރަށް ހިންގުމާއި ހޮޑުލުމުގެ ކޭސްތައް ވެސް ވަނީ 3,993 އިން 4,454 އަށް އިތުރުވެފައެވެ. ނަމަވެސް މަދިރީގެ ޒަރީއާއިން ފެތުރޭ ޑެންގީ ހުމުގެ ކޭސްތައް މާޗް މަހާ އަޅާބަލާއިރު އޭޕްރީލް މަހު ވަނީ ކުޑަކޮށް ދަށްވެފައެވެ.
ބަލިތަކުން ރައްކާތެރިވުމަށްޓަކައި ކެއްސާ ކިނބިހިއަޅާއިރު އަނގަޔާއި ނޭފަތް ނިވާކުރުމަށާއި، ގިނަގިނައިން ސައިބޯނިލައިގެން އަތްދޮވުމަށް އެޗްޕީއޭއިން އިރުޝާދުދެއެވެ. އަދި ބަލިޖެހުމުން ނުރައްކާވުމުގެ ފުރުސަތު ބޮޑު މީހުން ކަމަށްވާ ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުން އަދި މާބަނޑު މީހުން ބަލި މީހުންނާ ދުރުހެލިވުމަށާއި، އިންފްލުއެންޒާ ވެކްސިން ޖެހުމަށް ވެސް ވަނީ ބާރުއަޅާފައެވެ. ހުން އަންނަތާ ތިން ދުވަހަށް ވުރެ އިތުރުވާނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދުމަކީ މުހިއްމު ކަމެކެވެ.
މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތަކާއި ބޭރަށް ހިންގުމުން ރައްކާތެރިވުމަށްޓަކައި، ގޯތިތެރޭގައި ފެން ހަރުލާ ތަންތަން ނައްތާލުމަށާއި، ކާބޯތަކެތި ތައްޔާރުކުރުމުގެ ކުރިންނާއި ފާހާނާކުރުމަށްފަހު ރަނގަޅަށް އަތްދޮވުމަށް އެޗްޕީއޭއިން ވަނީ ހަނދާންކޮށްދީފައެވެ.



