ފައިބަރު މަސައްކަތްކުރުމަށް ބިމެއް ހޯދައިދިނުމަށް ޕްލޭނިންގް މިނިސްޓްރީގައި އެދުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
މި ނިންމުން ނިންމާފައިވަނީ މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 55 ވަނަ ރަސްމީ އާންމު ޖަލްސާގައެވެ.
ފައިބަރު މަސައްކަތްކުރުމަށް ބިމެއް ހޯދައިދިނުމަށް ސަރުކާރުގައި އެދުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފައިވަނީ ފައިބަރު މަސައްކަތަކީ މީހުން ދިރިއުޅޭ ރަށެއްގައި ކުރުމަށް ރަނގަޅު މަސައްކަތަކަށް ނުވުމާއި މިހާރު އެމަސައްކަތްކުރަމުން އަންނަ ވިލިމާލޭގެ ރައްޔިތުންނާއި ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތްކުރާ އެކިއެކި ޖަމްއިއްޔާތަކުން އެކަމާއި ކަންބޮޑުވުން ހިއްސާކުރުމާއި ގުޅިގެންނެވެ.
އެގޮތުން ވިލިމާލޭގައި ފައިބަރު މަސައްކަތް ކުރުމަށް ވަގުތީ ގޮތުން ހަރުގެއެއް އެޅުމަށް ވެސް މިއަދު ނިންމިއެވެ.
ހަރުގެ ހެދުމަށް ނިންމާފައިވަނީ ވިލިމާލޭގެ ވެމްކޯ ސަރަޙައްދުގައި ކަމަށާއި އެ ސަރަޙައްދުގައި ފައިބަރު މަސައްކަތް ކުރުމަށް ނިންމާފައިވަނީ ޕްލޭނިންގް މިނިސްޓްރީން އެސަރަޙައްދަށް ފައިބަރު މަސައްކަތް ކުރުން ބަދަލުކޮށް ދެއްވުމަށް މާލެ ސިޓީ ކައުންސިލުގައި އެދިފައިވުމާއި ގުޅިގެން ކަމަށް ސިޓީ ކައުންސިލުން ހާމަކުރެއެވެ.
މިއީ ޕްލޭނިންގް މިނިސްޓްރީގެ އެދުމުގެ މަތިން ފައިބަރު މަސައްކަތް ކުރާތަން ބަދަލު ކުރުމަށް ނިންމި ދެވަނަ ފަހަރެވެ. މި ހަރުގެ އަކީ ކުލި ނެގޭގޮތަށް އެޅުމަށް ނިންމާފައިވާ ހަރުގެއެކެވެ.
ފައިބަރު މަސައްކަތް ކުރުމަށް ހަރުގެއެއް އެޅުމަށް ނިންމާފައިވަނީ ޕްލޭނިން މިނިސްޓްރީއަށް މިކަމުގައި ދާއިމީ ހައްލެއް ހޯދައިދިނުމަށް ދެންނެވުމަށްފަހު ހައްލެއް ލިބެންދެން ވަގުތީގޮތުން ކަމަށްވެސް މާލެ ސިޓީ ކައުންސިލުން މައުލޫމާތުދެއެވެ.