ސަރުކާރުން މިހާރު ކުރިއަށް ގެންދަން ނިންމާފައިވަނީ ހަމައެކަނި ކުރިން ފަށާފައިވާ މަޝްރޫއުތައް ކަމަށާއި އަލަށް މަޝްރޫއުތައް ފެށުން މިވަގުތު މަޑު ޖައްސާލާފައިވާ ކަމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސާލިހު ވިދާޅުވީ، ނިމުނު މެއި މަހު ސަރުކާރުން ހަރަދު ކުރާނެ ކަމަށް އަންދާޒާ ކުރި މިންވަރަށްވުރެ ކުރެވުނު ހަރަދުތައް މާބޮަޑަށްވެސް ކުޑަ ކަމަށެވެ. އަދި ދުނިޔެއަށް ދިމާވެފައިވާ އިގްތިސާދީ ހާލަތުގެ ސަބަބުން ރާއްޖެއަށް ކުރަމުންދާ އަސަރު ދަށް ކުރުމުގެ ގޮތުން ރާއްޖޭގައި ތަރައްގީގެ އައު މަޝްރޫއުތައް އިތުރަށް ކުރިއަށް ނުގެންދިއުމަށް ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދުނިޔޭގެ އިގްތިސޯދަށް އަންނަ ކޮންމެ ލޮޅުމެއް ރާއްޖެ އަށް ވެސް ކުރިމަތިވާނެ ކަމަށެވެ. އެގޮތުން މިހާރު ދުނިޔޭގައި ޔޫކްރެއިން އާއި ރަޝިޔާއާ ދެމެދު ހިނގަމުންދާ ކުރިމަތިލުންތަކުގެ އަސަރު އިގްތިސޯދަށް ވަރަށް ބޮޑަށް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
އެހެންނަމަވެސް ރާއްޖޭގެ އިގްތިސޯދު ދަތުރު ކުރަނީ ރަނގަޅު މިސްރާބެއްގައި ކަމަށް ރައީސް ވިދާޅުވިއެވެ. ރާއްޖޭގެ ރިޒާވްގައި 800 މިލިއަން ޑޮލަރު އެބަހުރި ކަމަށާއި މަހުން މަހަށް ބޭނުންވާ އަސާސީ ތަކެތި ލިބުމުގައި ރާއްޖެ އަށް އެއްވެސް ދައްޗެއް ނެތް ކަމަށް ރައީސް ވިދާޅުވިއެވެ.