ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް މޯލްޑިވްސް އިމިގްރޭޝަނުން ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަންގެ ތެރެއިން، ބިދޭސީން ގަވާއިދާ ހިލާފަށް ހިންގަމުންދާ ވިޔަފާރިތަކަށް އަމާޒުކޮށްގެން ހިންގި ރެއިޑްތަކެއްގައި ހަތް ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި އޮޕަރޭޝަނަކީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ބައެކެވެ.
އިމިގްރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި، ޓާސްކްފޯސްއިން އިއްޔެ ކުރިއަށްގެންދިޔަ މި އޮޕަރޭޝަންގައި ޖުމްލަ ހަ ތަނެއް ވަނީ ބަލައި ފާސްކޮށްފައެވެ. މި ތަންތަނުން ޖުމްލަ 17 ބިދޭސީންނާ ސުވާލުކޮށްފައިވާއިރު، އޭގެ ތެރެއިން ހަތް މީހަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ފަރާތްތަކެއްކަން ކަށަވަރުވުމާ ގުޅިގެން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.
މި އަހަރުގެ ތެރޭގައި އިމިގްރޭޝަނުން ވަނީ މިފަދަ ގިނަ ރެއިޑް އޮޕަރޭޝަންތަކެއް މާލެއާއި އަތޮޅުތެރޭގައި ހިންގާފައެވެ. މި އޮޕަރޭޝަންތަކުގައި އަތުލައިގަނެވޭ ބިދޭސީން ޑިޕޯޓޭޝަން ސެންޓަރުގައި ބަންދުކޮށް، އެ މީހުން އަނބުރާ ގައުމަށް ފޮނުވާލުމުގެ އިދާރީ މަސައްކަތްތައް ވެސް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން މޮނިޓަރުކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، މާލޭގެ އާންމު ތަންތަނުގައި އިމިގްރޭޝަންގެ އޮފިސަރުން މިހާރު ދަނީ ހާއްސަ އޮބްޒާވޭޝަންތަކެއް ވެސް ކުރަމުންނެވެ.



