ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ދާއިރާތަކުގެ އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތު ފެށިގެން އެ ޕާޓީން ހުޅުވާލައިފިއެވެ. ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ، މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް މަގާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު އޮންނާނެ ކަމަށެވެ.
އަންނަ ޖުލައި މަހުގެ 11 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިޚާބުގައި ވޯޓުލެވޭނީ މިއަދާ ހަމައަށް ޕާޓީގެ ދަފްތަރުގައި ތިބި މެންބަރުންނަށް އެކަނި ކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ. އިންތިޚާބުގެ ވަގުތީ ލިސްޓު ޖުލައި 1 ގައި އާންމުކޮށް، ޝަކުވާ ހުށަހެޅުމަށް ތިން ދުވަހުގެ މުއްދަތެއް ދިނުމަށްފަހު، ޖުލައި 4 ގައި ދާއިމީ ލިސްޓު އާންމުކުރާނެއެވެ.
ޢަބްދުއްރަޙީމް ވިދާޅުވި ގޮތުގައި، ދާއިރާގެ ރައީސުންނާއި ނައިބުން އިންތިޚާބު ކުރާނީ މަގާމުތައް ހުސްކޮށް ހުރި ދާއިރާތަކަށް އެކަންޏެވެ. ޕާޓީގެ އަސާސީ ގަވައިދު ބުނާގޮތުން، އެ ދާއިރާއެއްގެ މަޖިލީސް މެންބަރަކީ ޕީއެންސީގެ މެންބަރެއްނަމަ، އެ ބޭފުޅަކީ އެ ދާއިރާގެ ރައީސެވެ. ނަމަވެސް، ޕާޓީގެ މަސްލަހަތަށް ގެއްލުންވާ ފަދަ އަމަލެއް ކޮށްގެން މަގާމުން ވަކިކޮށްފައިވާނަމަ، އެ ދާއިރާއަކަށް އައު ރައީސަކު އިންތިޚާބު ކުރާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ޕީއެންސީގެ ބޮޑު ކޮންގްރެސް ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެންބަރު 15 އިން 18 އަށެވެ. މި ކޮންގްރެސްގެ އިންތިޒާމުތައް ހަމަޖެއްސުމަށްޓަކައި ޕާޓީގެ ލީޑާޝިޕްގެ ބޭފުޅުން ހިމެނޭ ގޮތަށް 13 މެންބަރުންގެ ކޮމިޓީއެއް މިހާރު ވަނީ އެކުލަވައިލާފައެވެ.



