ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ފަށާފައިވާ ހާއްސަ މަސައްކަތްތަކުގެ ދަށުން، ހޮނިހިރު ދުވަހު ވަނީ މާލެއާއި ހުޅުމާލޭގައި ހާއްސަ މޮނިޓަރިން އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައެވެ. މިއީ “މައިގްރޭޝަން މޮނިޓަރިން އެންޑް ކޮމްޕްލަޔަންސް ޕްރޮގްރާމް (އެމްއެމްސީޕީ)” ގެ ދަށުން އިމިގްރޭޝަނުން ހިންގި ހަރަކާތެކެވެ.
މި އޮޕަރޭޝަނުގައި ޖުމްލަ 49 ބިދޭސީއަކު ހުއްޓުވައި، އެ މީހުންގެ ލިޔެކިޔުންތަކާއި ރާއްޖޭގައި އުޅުމުގެ ހުއްދަ އޮތްތޯ ވަނީ ޗެކުކޮށްފައެވެ. އިމިގްރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި، މި ބަލައި ފާސްކުރުންތަކުގެ ތެރެއިން ގަވާއިދާ ހިލާފަށް އުޅުނު 5 ބިދޭސީއަކު ވަނީ އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މި މަހުގެ 2 ވަނަ ދުވަހު ވެސް މި ޕްރޮގްރާމްގެ ދަށުން މާލޭގެ އާޓިފިޝަލް ބީޗް އަދި ރަސްފަންނު ސަރަހައްދުގައި ވަނީ މޮނިޓަރިން ހަރަކާތްތަކެއް ހިންގާފައެވެ. އެ ދުވަހު 52 ބިދޭސީއަކު ބަލައި ފާސްކޮށްފައިވާއިރު، އޭގެ ތެރެއިން ގަވާއިދާ ހިލާފަށް އުޅުނު އެކަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
އިމިގްރޭޝަނުން ބުނީ މިފަދަ އޮޕަރޭޝަންތަކަކީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަކީ ހުއްދަ އޮތް ބައެއްކަން ކަށަވަރުކުރުމަށް މެދުކެނޑުމެއް ނެތް ގޮތެއްގައި ކުރިއަށްގެންދާނެ ސިލްސިލާ ހަރަކާތްތަކެއް ކަމަށެވެ. މި މަސައްކަތުގެ މައިގަނޑު މަގްސަދަކީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކޮށް، އުސޫލުން ބޭރުން ހިންގާ ވިޔަފާރިތައް ހުއްޓުވުމެވެ.



