ރާއްޖޭގައި މިހާރު ފެތުރެމުންދާ ހިމަބިހި (މީސްލްސް) އެންމެ ގިނައިން ޖެހިފައިވަނީ އުމުރުން 15 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށް ކަމަށް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ. މިހާތަނަށް ފެނުނު 72 އަށްވުރެ ގިނަ ކޭސްތަކުގެ ތެރެއިން ކުޑަކުދިންނަށް ބަލިޖެހިފައިވަނީ އެންމެ ހަތަރު ކޭހުގައެވެ.
ޑރ. ފައިސަލް ވިދާޅުވި ގޮތުގައި މި ބަލި އެންމެ ބޮޑަށް ފެތުރެމުންދަނީ ވެކްސިން ނުޖަހާ މީހުންގެ މެދުގައެވެ. 2022 ވަނަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރުވެސް ބަލި ޖެހުމުގެ ފުރުސަތު ބޮޑީ ވެކްސިން ފުރިހަމަނުކުރާ އާބާދީއަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އެހެންކަމުން، 15 އަހަރާއި 35 އަހަރާ ދެމެދުގެ މީހުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމަށް ޑޮކްޓަރު ވަނީ ނަސޭހަތްތެރިވެވަޑައިގެންފައެވެ.
ރާއްޖެއިން ނައްތާލާފައިވާ ބައްޔެއްގެ ގޮތުގައި ކަނޑައަޅާފައިވާ ހިމަބިހި އަލުން ފެންނަން ފެށުމާއެކު، އެޗްޕީއޭއިން ވަނީ އެމްއާރު ވެކްސިން ދޭން ފަށާފައެވެ. މާލެ ސަރަހައްދުގައި އާބަން ޕްރައިމަރީ ހެލްތު ކެއާ، ހުޅުމާލެ ހޮސްޕިޓަލް، ސެނެހިޔާ އަދި ވިލިމާލެ ހޮސްޕިޓަލުން ވެކްސިން ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
ރާއްޖެއިން ހިމަބިހި ރަސްމީކޮށް ނައްތާލާފައިވަނީ 2017 ވަނަ އަހަރުއެވެ. އޭގެ ފަހުން ބިދޭސީންގެ ފަރާތުން ބައެއް ކޭސްތައް ފެނުނު ނަމަވެސް، މިފަހަރު ދިވެހިންގެ ތެރޭގައި ބަލި ފެތުރެން ފެށުމުން ކަމާބެހޭ ފަރާތްތަކުން ވަނީ ސަމާލުކަން އިތުރުކޮށްފައެވެ.
އެޗްޕީއޭއިން އިލްތިމާސްކުރަނީ ހުން އައިސް ގައިގައި ރަތް ބިހިތަކެއް ނަގާނަމަ ލަސްނުކޮށް ސިއްހީ އެހީތެރިކަން ހޯދުމަށެވެ. އަދި ބަލީގެ އަލާމާތެއް ހުރިނަމަ މާސްކް އެޅުމަށާއި، ޓެސްޓުގެ ނަތީޖާ ލިބެންދެން އެކަހެރިވެގެން ތިބުމަށް ވެސް އެ އިދާރާއިން ވަނީ އެދިފައެވެ.



