ފޯޅަވަހި ހިމެނޭ ސަރަޙައްދަށް މިއަދު އިރުއޮއްސި 18:01 ހާއިރު 5.4 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އައިސްފައިވާ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހާމަކޮށްފިއެވެ.
މި ބިންހެލުން އައިސްފައިވަނީ ރާއްޖޭގެ އެންމެ ދެކުނުން އޮންނަ އައްޑޫ ސިޓީއާ ގާތްގަނޑަކަށް 933 ކިލޯމީޓަރު ދުރުގައި އޮތް ސަރަޙައްދަކަށެވެ.
މި ބިންހެލުމާ ގުޅިގެން މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، 5.4 މެގްނިޓިއުޑްގެ ބާރުމިނުގައި އައި މި ބިންހެލުމުގެ ސަބަބުން ދިވެހިރާއްޖެއަށް އެއްވެސް ކަހަލަ ސީދާ ނުރައްކަލެއް ކުރާނެ ކަމަށް ލަފާނުކުރެވޭ ކަމަށެވެ. އެހެންކަމުން މިކަމާ ގުޅިގެން ރާއްޖެއަށް ސުނާމީގެ ބިރެއް ނެތްކަން އެ އިދާރާއިން ވަނީ ކަށަވަރުކޮށްދީފައެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން އިތުރަށް ބުނީ، ރާއްޖެ ހިމެނޭ ސަރަޙައްދާއި އަދި ރާއްޖެއާ ކައިރި ސަރަޙައްދުތަކަށް އަންނަ ބިންހެލުންތަކުގެ މަޢުލޫމާތު އެ އިދާރާއިން މެދުނުކެނޑި ބަލަމުންދާ ކަމަށެވެ.



