ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ހިމަބިހި (މީސަލްސް) ކޮންޓްރޯލް ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން ޔުނިސެފުން 28,000 ޑޯޒްގެ މީސަލްސް-ރުބެއްލާ (އެމް.އާރް) ވެކްސިން ހަދިޔާކޮށްފިއެވެ. މި ވެކްސިންތައް މިނިސްޓްރީ އޮފް ހެލްތާ ހަވާލުކޮށްދެއްވީ ޔުނިސެފުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ޑރ. އެޑްވަރޑް އަޑައި އެވެ. ސަރުކާރުގެ ފަރާތުން މި އެހީއާ ހަވާލުވެވަޑައިގަތީ ހެލްތު މިނިސްޓަރު ޤީލާ އަލީ އެވެ.
ހެލްތު މިނިސްޓްރީން ވިދާޅުވި ގޮތުގައި، ޔުނިސެފުން ލިބުނު މި ވެކްސިނަކީ މިހާރު ކުރިއަށްދާ “އައުޓްބްރޭކް ރެސްޕޮންސް އިމިއުނައިޒޭޝަން” ޕްރޮގްރާމަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. މި އެހީގެ ސަބަބުން ބަލި ފެތުރުން ހުއްޓުވުމަށް ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާވެ، މުޅި ރާއްޖެއަށް ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތަށް ބާރު ލިބިގެންދާނެ ކަމަށް މިނިސްޓްރީން ފާހަގަކުރެއެވެ.
މި ޕްރޮގްރާމްގެ ދަށުން މިހާތަނަށް 5,495 މީހުންނަށް ވެކްސިން ދީފައިވާއިރު، މާލެއާއި އަތޮޅުތެރޭގައި ވެކްސިން ދިނުމުގެ މަސައްކަތް ޓީމުތަކުން މެދުނުކެނޑި ދަނީ ކުރަމުންނެވެ. މިނިސްޓަރު ޤީލާ ވަނީ ވެކްސިން ޖެހުމުގެ ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކުން ވެކްސިން ޖެއްސެވުމަށް އިލްތިމާސް ކުރައްވާފައެވެ.
ހިމަބިހި ކޮންޓްރޯލް ކުރުމުގައި ސިއްހީ ދާއިރާގެ މުވައްޒަފުން ކުރަމުންދާ ބުރަ މަސައްކަތަށް މިނިސްޓަރު ޝުކުރު އަދާކުރައްވާ، ޔުނިސެފް ފަދަ ބައިނަލްއަގުވާމީ ޖަމާއަތްތަކާ ގުޅިގެން، މި ބަލިމަޑުކަން ކޮންޓްރޯލް ކުރުމުގެ މަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ.



