ރާއްޖޭގެ ބައެއް ރަށްތަކަށް އުދައެރުމުގެ ފުރުސަތު އޮތުމާއެކު، މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ. މި އެލާޓް ނެރެފައިވަނީ މިއަދު ހެނދުނު 11:30 އިން މެންދުރުފަހު 3:30 އާ ހަމައަށެވެ.
މެޓް އޮފީހުން ބުނީ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައެރުމުގެ ފުރުސަތު ބޮޑު ކަމަށާއި، އެހެންކަމުން އާންމުން މިކަމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
މޫސުން ކުރިއަށް ލަފާކުރާ ގޮތަށް ބަލާއިރު، ދެކުނުގެ އަތޮޅުތަކަށް ވައިޖެހޭނީ އިރުދެކުނާއި ދެކުނުން ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އަދި ރާއްޖޭގެ އެހެން ހިސާބުތަކަށް ވައިޖެހޭނީ ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައެވެ. ވިލާގަނޑުގައި ގަޑިއަކު 30 މޭލަށް ވައި ގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން ލަފާކުރެއެވެ.
ކަނޑުތައް އާދައިގެ ވަރަކަށް މަޑުވި ނަމަވެސް، ވިލާގަނޑުގައި ކަނޑު ގަދަވާނެ ކަމަށް ބެލެވެއެވެ. އަދި ރާޅުގެ އުސްމިން ހުންނާނީ 2 ފޫޓާއި 5 ފޫޓާ ދެމެދުގައި ކަމަށް ވެސް އެ އިދާރާއިން މައުލޫމާތު ދެއެވެ.
ބޮޑެތި ރާޅުތަކާއެކު ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމުގެ ފުރުސަތު އޮތުމުން، ކަމާބެހޭ ފަރާތްތަކުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އަންގާފައެވެ.
ޚާއްސަކޮށް އަތިރީބިމާ ކައިރި ސަރަހައްދުތަކުގައި ދިރިއުޅޭ ފަރާތްތަކުންނާއި، އުދައެރުމުގެ ސަބަބުން މުދަލަށް ލިބިދާނެ ގެއްލުންތަކުން ސަލާމަތްވުމަށް ދުރާލާ ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކުން ވަނީ ނަސޭހަތްތެރިވެފައެވެ.



