ދިވެހިރާއްޖެއާއި ތުރުކީވިލާތުގެ ދެމެދުގައި ވެފައިވާ ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓް (އެމް.ޓީ.ޕީ.ޓީ.އޭ) އަށް މި އޯގަސްޓް މަހުގެ 1 ވަނަ ދުވަހުން ފެށިގެން ރަސްމީކޮށް އަމަލުކުރަން ފަށައިފިއެވެ. މިއީ ދެ ގައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުން އައު ހަރުފަތަކަށް ގެންދިއުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑުން ހާމަކޮށްފައިވާ ގޮތުގައި، މި އެއްބަސްވުމުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި ވިޔަފާރި ކުރުމަށް ފަސޭހަވެ، އިގްތިސާދީ އެއްބާރުލުން ވަރުގަދަވެގެންދާނެއެވެ. އަދި މީގެ ސަބަބުން ދެ ގައުމުގެ ވިޔަފާރިވެރިންނަށް ވެސް އައު ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
ނޮވެމްބަރު 4، 2024 ގައި ސޮއިކުރެވުނު މި އެއްބަސްވުމުގެ ދަށުން 75 ބާވަތެއްގެ މުދަލުން ޓެރިފް ނުވަތަ އިމްޕޯޓް ޑިއުޓީ ކުޑަކުރުމަށް ވަނީ ނިންމާފައެވެ. މިނިސްޓްރީން ފާހަގަކުރި ގޮތުގައި، މީގެ ސަބަބުން ތުރުކީގެ ބާޒާރުގައި ދިވެހި މަހުގެ އުފެއްދުންތަކަށް އޮތް ވާދަވެރިކަން އިތުރުވެ، އައު ގަންނަ ފަރާތްތައް ހޯދުމަށް ފަސޭހަވެގެންދާނެއެވެ.
މީގެ އިތުރުން، މި އެއްބަސްވުމުގެ ސަބަބުން ދިވެހި ވިޔަފާރިވެރިންނަށް ތުރުކީގެ ގިނަ ބާވަތްތަކެއްގެ މުދާ ހެޔޮ އަގުގައި ރާއްޖެއަށް އެތެރެކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މިއީ ވިޔަފާރީގެ ޚަރަދުތައް ކުޑަކޮށް، ވިޔަފާރި ފުޅާކުރުމަށް ލިބޭ ބޮޑު އެހީތެރިކަމެއްގެ ގޮތުގައި ސަރުކާރުން ސިފަކުރެއެވެ.
ސަރުކާރުން ހާމަކުރި ގޮތުގައި، މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު 2023 ވަނަ އަހަރު ތުރުކީވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު، ދެ ގައުމުގެ ދެމެދުގައި ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ގުޅުން ބަދަހިކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގެ ދަށުން ލިބުނު ކުރިއެރުމެކެވެ.



